ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) އިން އެކުންފުނީގެ ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
”ޝެއަރހޯލްޑަރ އެންގޭޖްމަންޓް އިވެންޓް“ ގެ ނަމުގައި ބާއްވަން ނިންމާފައިވާ މި ބައްދަލުވުމަކީ ކުންފުނީގެ ކަންކަމާމެދު ހިއްސާދާރުންނާއެކު މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 11:00 ގައި އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް، އެސްޓީއޯ ޓްރޭޑް ސެންޓަރ، 4 ވަނަ ފަންގިފިލާ ގައި ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
އެސްޓީއޯއިން ވަނީ، މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން، 07 ޖޫން 2024 ވާ ހުކުރު ދުވަހުގެ 11:00 ގެ ކުރިން mv.sto.Portal މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި، މިއީ ހިއްސާދާރުންނާއެކު ބާއްވާ ނުރަސްމީ ބައްދަލުވުމެއްކަމަށްވާތީ، މި ބައްދަލުވުމަށް ޕްރޮކްސީ ޢައްޔަންކުރުމަށް ހަމަޖެހިފައި ނުވާކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.
އެސްޓީއޯއިން ބުނީ، މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީކުރާ ތާރީޚާއި ހަމައަށް އުމުރުން 16 އަހަރު ފުރިފައިވާ އެ ކުންފުނީގެ ހިއްސާދާރުންނަށް ކަމަށާއި، މި ބައްދަލުވުމުގައި އެއްވެސް އައިޓަމެއް ފާސްކުރަން ހުށަނޭޅޭނެ ކަމަށެވެ. މި ބައްދަލުވުމުގައި، ހިއްސާދާރުންނަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން އަހަރީ ރިޕޯޓް ޕަބްލިޝްކުރުމަށާއި އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މަޢުލޫމާތު ހުށަހެޅުން އޮންނާނެކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
އެސްޓީއޯއިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ ކުންފުނީގެ ހުރިހައި ހިއްސާދާރުންނަށް ދައުވަތު އަރުވާފަ އެވެ.



