ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައިވިޔަސް ފެންނަނީ ހިތްގައިމު ސާފުތާހިރުކަމާއި، ސަފުތައް އަތުރާލެވިގެން ނުހަނު ބުރަކޮށް އުޅޭ މުވައްޒަފުންގެ ހީވާގިކަމެވެ. ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރައިގެންދާ އެތައް ހާސް ފަސިންޖަރުންނެއްގެ ފުރަތަމަ އަދި ފަހު ތަޖުރިބާއާއި ގުޅިފައިވަނީ މި އެއާޕޯޓާއެވެ. އެއާޕޯޓަށް ވަންނަ ހިސާބުން ފެށިގެން، ފުރައިގެން ނުކުންނަން ދެންވެސް، ޚިދުމަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކި ޑިޕާޓްމަންޓްތަކުގެ ހީވާގި މުވައްޒަފުން، ސައުވީސް ގަޑިއިރު ތިބީ ރައްޔިތުންނާއި ފަތުރުވެރިންގެ ޚިދުމަތުގައެވެ.
މިފަދައިން އެއާޕޯޓުގެ އެންމެ ނާޒުކު އަދި ބުރަ ސަރަހައްދުގައި ހަރަކާތްތެރިވާ އެއްބަޔަކީ، ވީއައިއޭގެ ރޭމްޕް ޙިދުމަތުގައި އުޅޭ ޒިންމާދާރު މުވައްޒަފުންނެވެ. އެއަރކްރާފްޓްތައް ޖައްސާއިރު ހޫނުގައި އަދި ވާރޭގެ ތެރޭގައިވެސް، ރަންވޭ މަތީގައި ”ޓްރައިކޯޓް“ (ރިފްލެކްޓިވް ވެސްޓް) ލައިގެން، ފްލައިޓުތަކަށް ސަލާމަތްތެރިކަމާއެކު މަގު ދައްކައިދެނީ މި މުވައްޒަފުންނެވެ. އަދި ފްލައިޓުތަކަށް ޕަސިންޖަރުން އަރާ ފައިބަން ”ޕަސެންޖަރ ބޯޑިންގ ސްޓެއާސް“ (ސިޑި) ކައިރިކޮށް، ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަނީވެސް މި ޓީމެވެ.
ރޭމްޕް ސާވިސަސް އަކީ ކޮބާ؟ ދެނީ ކޮން ޚިދުމަތެއް؟
ވީއައިއޭގައި މި ޚިދުމަތްތައް މިހާރު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެމުން އެއާޕޯޓް ގްރައުންޑް މޫވްމެންޓް އޮޕަރޭޓަރ ހުސެއިން ނައީމް ބުނީ، މިއީ ބުރަ އަދި އެހާމެ ބޮޑު ޒިންމާއެއް އެކުލެވިގެންވާ މަސައްކަތެއް ކަމަށެވެ. އެގޮތުން ފްލައިޓެއް އައިސް އޭޕްރަންގައި ޕާކް ކުރާ ހިސާބުން ފެށިގެން ރޭމްޕް މުވައްޒަފުންގެ އޮޕަރޭޝަން އަމަލީގޮތުން ފެށިގެންދެއެވެ.
-
ޗޮކް ޖެހުން: މިއީ ފްލައިޓް ޕާކްކުރުމާއެކު އޭގެ ރައްކާތެރިކަމަށްޓަކައި ދެ ފުރޮޅުގައި ”ލޮކް“ ޖެހުމުގެ މަސައްކަތެވެ.
-
އޭރޯ ބްރިޖް އަދި ސިޑި ކައިރިކުރުން: ޕަސިންޖަރުންނަށް އަމާންކަމާއެކު ފްލައިޓުން ފޭބޭނެ އިންތިޒާމު ހަމަޖެއްސުން.
-
ޓޮއިލެޓް އަދި ވޯޓަރ ޓްރެކްޓަރުގެ ޚިދުމަތް: ފްލައިޓަށް ބޭނުންވާ ފެނާއި، ނަޖިސް ނައްތާލުމުގެ ޚިދުމަތް އެއްވަގުތެއްގައި ދިނުން.
ނައީމް ފާހަގަކުރި ގޮތުގައި، އެ ބޯޓަކަށް ދޭންޖެހޭ އެންމެހާ ގްރައުންޑް ޚިދުމަތްތައް ދީ ނިމުމުން ދެން އިންނާނީ ޓޯޓްރަކް (ޓޯ-ޓަގް) ގެ މަސައްކަތެވެ. އަދި އޮޕަރޭޝަންގެ އޮމާންކަން ކަށަވަރުކުރުމުގެ ގޮތުން، ފްލައިޓު ޖެއްސުމުގެ 15 މިނެޓު ކުރިން ޓޯޓްރަކް އޮންނަނީ ތައްޔާރީ ހާލަތުގައެވެ.
”ޓޯޓްރަކް އަސްލު ގެންނަނީ ބޯޓުގެ ހުރިހާ މަސައްކަތެއް ނިމުމުން އެ ބޯޓެއް ޓޯ ކުރުމަށް. ޗޮކު ޖެހުމަކީ ބޯޓުގެ ދެ ފުރޮޅުގައި ލޮކް ޖެހުން. މިހާރު ކުރިއަށްވުރެ ކަންކަން ވަރަށް ފަސޭހަ،“ ނައީމް ބުންޏެވެ.
މީގެއިތުރުން، އެއާޕޯޓުގެ ތަރައްގީއާއެކު ގެނެވުނު ބަދަލުތަކަށް އަލިއަޅުވާލަމުން ނައީމް ބުނީ، މީގެކުރިން ބޭނުންކުރި އާދައިގެ ސިޑިތަކުގެ ބަދަލުގައި މިހާރު ޒަމާނީ ”އޭރޯ ބްރިޖު“ ބޭނުންކުރަން ފެށުމުން މަސައްކަތަށް ނުހަނު ބޮޑު ލުޔެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު އެންމެ މީހަކު ހުރެގެންވެސް އޭރޯ ބްރިޖު ޖައްސާލައިގެން އެ މަސައްކަތް އަވަހަށް ނިންމާލެވޭކަން އޭނާ ފާހަގަކުރިއެވެ.
ޓޯ ކުރަން 8 ޓަގް! އިކުއިޕްމެންޓުގެ އެއްވެސް ދަތިކަމެއް ނެތް
ރާއްޖޭގެ މައި ބައިނަލްއަގުވާމީ އެއާޕޯޓަކީ ސަރަހައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އެންމެ ފެންވަރު ރަނގަޅު އެއް އެއާޕޯޓެވެ. އެއާޕޯޓަށް އަންނަމުންދާ ތަރައްގީގެ އިންގިލާބީ ބަދަލުތަކާއެކު، ރޭމްޕް ސާވިސަސްގެ ޚިދުމަތްތައްވެސް ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާ ކަން ނައީމު ފާހަގަކުރިއެވެ.
އޭނާ ބުނި ގޮތުގައި، ކުރިން ދަތިތަކާ ކުރިމަތިވި ނަމަވެސް، މިހާރު އެއާޕޯޓުގައި ފްލައިޓްތައް ޓޯ ކުރުމަށް 8 ޓަގު ބޭނުންކުރަމުންދެއެވެ. މީގެ ތެރޭގައި އެންމެ ޒަމާނީ ފެންވަރުގެ އާ ދެ ޓަގުވެސް ހިމެނެއެވެ. އަދި ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމުގެ ގޮތުން 9 ވަނަ ޓަގް ގެނައުމުގެ މަސައްކަތްތައްވެސް މިހާރު ބާރަށް ކުރިއަށްދާ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި އެ ޓަގުވެސް އޮޕަރޭޝަނަށް ނުކުންނާނެ ކަމަށް ނައީމް މައުލޫމާތު ދިނެވެ.

”ކުރިއާ އަޅާބަލާއިރު މަސައްކަތް މިހާރު މިވަނީ ވަރަށް ބޮޑަށް ވެސް ކުރިއަށް ޖެހިފަ. މިހާރު ފަސް ބޯޓު އެއްފަހަރާ ޖެއްސި ކަމުގައިވިޔަސް ފަސް ޓަގުގައި އަޅުގަނޑުމެންނަށް ޚިދުމަތް ދަތިކަމަކާ ނުލައި ކުރިއަށްގެންދެވޭ. އެއް ބޯޓު ނިންމާފައި އަނެއް ބޯޓަށް ދާކަށް މިހާރަކު ނުޖެހޭ. އެއް ފަހަރާ އެއް ވަގުތެއްގައި ހުރިހާ ބޯޓުތަކަށް ދޭންވާ ޚިދުމަތްތައް ނިންމާލެވޭ،“ ނައީމް އުފަލާއެކު ފާހަގަކުރިއެވެ.
އޭނާ އިތުރަށް ބުނީ މިއީ ރޭމްޕް ސާވިސްގެ މުޅި އޮޕަރޭޝަނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް އަދި ކުރިއެރުމެއް ކަމަށެވެ. އަދި އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ އިކުއިޕްމެންޓުގެ އެއްވެސް ދަތިކަމެއް މިހާރު ނެތްކަން ނައީމް ވަނީ ޔަގީންކޮށްދީފައެވެ.
ޕަސިންޖަރުންގެ އެއްބާރުލުމަށް ޝުކުރު!
އެއާޕޯޓުގެ އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށްދަނީ ހަމައެކަނި ވަސީލަތްތަކާއި މުވައްޒަފުންގެ ސަބަބުންނެއް ނޫނެވެ. ދަތުރުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަކީވެސް މިކަމުގެ މުހިންމު ބައެކެވެ.
އެމްއޭސީއެލް އިން ވަނީ މި ޚިދުމަތް ލިބިގަންނަ ހުރިހާ ޕަސިންޖަރުންގެ ކެތްތެރިކަމަށްޓަކައި އަދި އެ ކުންފުނީގެ މުވައްޒަފުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި، ދޭ އެއްބާރުލުމަށްޓަކައި ހުރިހާ ޕަސިންޖަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
އެމްއޭސީއެލް ރޭމްޕް ސާވިސްގެ މުޅި ޓީމަކީ ވީއައިއޭގެ ހިންގުން ހަރުދަނާކޮށް، ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ނަން ރީތިކުރުމުގައި ހިމޭން ނަމަވެސް ބޮޑު ގުރުބާނީއެއް ވަމުންދާ ހީވާގި ޓީމެކެވެ.



