ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ އުސޫލުތައް ގެންގުޅުމަށާއި ޒިންމާދާރު ގޮތެއްގައި ކާބޯތަކެތި އިޚްތިޔާރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަކިވަކި ފަރުދުންނަށާއި މުޖުތަމަޢުތަކަށް ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި އެކަމަނާ އަލިއަޅުއްވާލެއްވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ކާބޯތަކެތި އުފެއްދުން ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އެއީ ކޮންމެ ޢާއިލާއަކަށް ވެސް ހަށިގަނޑަށް ފައިދާހުރި ބާވަތްތައް އެކުލެވޭ ކާނާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ގޭތެރޭގައްޔާއި މުޖުތަމަޢުގެ ތެރޭގައި ކެއިންބުއިމުގެ ކަންކަމުގައި ގެންގުޅޭ ކުދިކުދި އާދަތަކުން ވެސް ބޮޑު އަދި މާނަހުރި ބަދަލެއް ގެނެވިދާނެކަން ފާހަގަކުރައްވައި، ދިވެހި އުފެއްދުންތަކަށް އެހީތެރިކަން ދިނުމަށާއި، ފައިދާހުރި ކާނާއަށް އިސްކަންދިނުމުގެ އިތުރުން، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، އެންމެންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަމާޢަތުގެ ފެންވަރުގައި މަސައްކަތްކުރުމަށް ހިތްވަރުދެއްވަމުން، ޒަމާނީ ޓެކްނޮލޮޖީ ނެތް ޙާލަތްތަކުގައި ވެސް މިއީ ފަރުދީ ފެންވަރުގައި އިސްކަންދީގެން ކުރެވިދާނެ މުހިންމު ކަމެއްކަން އެކަމަނާގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.


