އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
ބީއެމްއެލްއަކީ، މިދިޔަ އަހަރުވެސް އިންޒެކް ޕްލެޓިނަމް ސްޕޮންސަރެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، ބީއެމްއެލްއަކީ އެ ކުންފުނީގެ މަސައްކަތްތަކަށް އަބަދުވެސް އެހީތެރިވެދޭ ބައިވެރިއެއް ކަމަށެވެ. އެގޮތުން ޒަކާތާ ގުޅުންހުރި މުހިންމު މަސައްކަތްތަކަކަށް ބީއެމްއެލުން ވަނީ އެއްބާރުލުން ދީފައެވެ. އޭގެ ތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ފަހިކޮށްދިނުމާއި، ފަސޭހަކަމާއެކު ލިބެން ހުންނަ ބޭންކިންގ ޚިދުމަތްތައް މެދުވެރިކޮށް އާންމުންނަށް ޒަކާތުގެ ވާޖިބު އަދާކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
މި ދެމެހެއްޓެނިވި ގުޅުމަކީ، އިޖުތިމާޢީ ރައްކާތެރިކަމާއި، ފައިނޭންޝަލް އިންކްލޫޝަން އަދި ރާއްޖޭގައި ޒަކާތް ބަލައިގަތުމާއި، ބެހުމުގެ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިކުރާ ކަންކަމަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޒަކާތާ ގުޅުންހުރި ޒަމާނީ މައްސަލަތަކާއި ފުރުޞަތުތަކާ މެދު މަޝްވަރާކުރުމަށް ޢިލްމުވެރިންނާއި، މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ ޢަމަލީ މަސައްކަތްތެރިން އެއް ތަނަކަށް ޖަމާކޮށްދޭ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސަށް ބީއެމްއެލުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ ބޭންކަށް ޒަކާތު ހައުސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އިންޒެކް 2026 އަކީ، މޯލްޑިވްސް ޒަކާތު ހައުސްއިން ބާއްވާ މިފަދަ ތިންވަނަ ކޮންފަރެންސެވެ.



