ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ އެޕްރެންޓިސް ޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްީސީން މިހާރު ވަނީ، އެކުންފުނީގެ އެޕްރެންޓިސްޝިޕް 7 ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ އުމުރުން 18-35 އަހަރާއި ދެމެދުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. ގްރޭޑް 10 ނިންމާފައިވާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 2 ގެ ސަނަދު ފުރިހަމަކޮށްފައިވާ މި އުމުރު ފުރާގެ ކޮންމެ ފަރާތަކަށްވެސް މިމަހުގެ 20 ވަނަ ދުވަހުގެ 15:30އާ ހަމަޔަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެކަމަށް އެޗްޑިސީން ބުނެފައި ވެއެެވެ.
އެޗްޑީސީން ބުނީ، ދާއިމީ ވަޒީފާ އަދި ވަގުތީ ވަޒީފާ މިވަގުތު އަދާކުރަމުންދާ ފަރާތްތަކަށްވެސް މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލޭވޭނެކަމަށެވެ. އެހެންނަމަވެސް ފޯމު ހުށަހެޅުމާއި ހަމަޔަށް ހަފުތާޔަކު 20 ގަޑިއިރަށްވުރެ ގިނަ އިރު މަސައްކަތް ކުރާ ފަރާތަކަށްވެގެން ނުވާނެކަމަށެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސެއްގެ ގޮތުން ކޮންމެ މަހަކު 6000ރ. ދޭނެކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
މިފަަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 7 ދާއިރާއަކަށް އަމާޒުކޮށްފައިވާއިރު، މައިގަނޑު ގޮތެއްގައި ހުރީ އިމާރާތް ކުރުމުގެ ދާއިރާގެ ޕްރޮގްރާމްތަކެވެ. އޭގެތެރޭގައި، އިމާރާތްކުރުމުގެ ދާއިރާގެ ސިއްހަތާއި ސަލާމަތްތެރިކަމާއި ބެހޭ ކޯހަކާއި، އިމާރާތްކުރާ ސައިޓުތައް ސުޕަވައިޒްކުރުމުގެ ކޯހަކާއި، މޭސަން މަސައްކަތުގެ ކޯހަކާއި، އިމާރާތްތަކުގެ ކަރަންޓް ވިއުގަ އިންސްޓޯލްކުރުމުގެ ކޯހެއް ހިމެނެއެވެ. މީގެ އިތުރުން މިފަހަރުގެ އެޕްރެންޓިސްޝިޕްގައި ދެން ހިމެނެނީ، ކޮމްޕިއުޓަރ ހާޑްވެއަރ އަދި ނެޓްވޯކިންގ ކޯހަކާއި، ފްރޮންޓް އޮފީސް ކޯހެއްގެ އިތުރުން، ބަގީޗާ ހެއްދުމުގެ ކޯހެކެވެ. މި ހަތް ކޯހަކީވެސް ގައުމީ ސަނަދުގެ 3 ވަނަ ގިންތީގެ ކޯސްތަކެކެވެ. އަދި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ކޯސްތަކެކެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެކުންފުނީގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ، މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރު ތަރައްގީކޮށްދިނުމާއި، އަމިއްލަ ނަފްސަށް އިތުބާރު ހޯދައިދިނުމާއި، މަސައްކަތުގެ އަޚްލާޤު ދަސްކޮށްދިނުމާއި، ވަޒީފާއަށް ނިކުންނަ ދާއިރާއިން ގާބިލުކަން ހޯދައިދީ ޖުމްލަ ގޮތެއްގައި ވަޒީފާގެ މާހައުލަށް ފައްކާކުރުމެވެ. މިއީ، މިގޮތުން އެޗްޑިސީން ހުޅުވާލާ 7 ވަނަ ފުުރުސަތެވެ.



