މިފަހަކަށް އައިސް މަހާނަމަތީގައި މާ އުސްކޮށް ގާ ޖަހައި ހަދަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެހާ އުސްކޮށް އެކި ޑިޒައިންތަކަށް މަހާނަގާ ހަދައި ޖެހުމަކީ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މަހާނަމަތީގައި ބިނާތައް ހެދުމާއި އުސްކޮށް ގާ ޖެހުމަކީ ދީނީ ޢިލްމުވެރިން މަނާކުރައްވާފައިވާ ކަމެއް ކަމަށެވެ.
އަދި މަހާނަގަލުގައި ޤުރްއާނުގެ އާޔަތްތައް ލިޔެ ހެދުމަކީ ވެސް ސުންނަތުން އެނގެން އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް، ވަޅުލާފައިވަނީ ކާކުކަން ދެނެގަތުމަށްޓަކައި ނިޝާނެއްގެ ގޮތުން ގަލެއް ނުވަތަ އެފަދަ އެއްޗެއް ބޭއްވުން ނުވަތަ ބެހެއްޓުން ޖާއިޒުވެގެންވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މައްޔިތާ ދެނެގަތުމަށްޓަކައި މަހާނައިގައި ނަން ޖެހުން ބައެއް ޢިލްމުވެރިން ހުއްދަކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިކަމުގެ ދަލީލެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ، މާތް ޞަޙާބީ ޢުޘްމާން ބިން މަޡްޢޫން ރަޟިޔަﷲ ޢަންހުގެ މަހާނަފުޅު ދެނެވަޑައިގަތުމަށްޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ މަހާނަފުޅުމަތީގައި ހިލައެއް ބޭއްވެވި ކަމެވެ.



