ނަފުސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ލޯތްބާއި އޯގާތެރިކަމާއި ރައްކާތެރި މާހައުލެއް ޤާއިމުކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ ކަލަރ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮކްޓޫބަރު 10 އާ ގުޅުވައިގެން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ ”ތަޖުރިބާގެ އަޑުއަހައި އެހުން: ޙަޤީޤީ އަޑު، ޙަޤީޤީ ބަދަލު“ މިއެވެ.
މި ޝިޢާރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާކުރަން ހުރި ތަޖުރިބާތައް ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަނިވެރިކަމާއި ހިތްދަތިކަމުގައި އެފަދަ ގޮންޖެހުންތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ އަޑު އަހައިގެން މެނުވީ އެ ފަރާތްތަކަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެ އަޑުތައް އަހައި، އެ ޙާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. މިއީ ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅު ތަޞައްވުރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ ވަގުތު،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަކު އަނެއްކަކަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި ޤައުމީ ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން މިއަދު ބޭއްވި ކަލަރ ރަންއަކީ ހަމައެކަނި ދުވުމެއްގެ ގޮތުގައި ނުބަލައި، މިއީ އެންމެން އެއްވެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއެކު އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށްވެސް ލިބުނު ރަނގަޅު ފުރުޞަތެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަފުސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާއިރު، އެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ތަޢާރަފުކުރި ހެލްޕްލައިން 1677 މެދުވެރިކޮށް މިހާތަނަށް 23,000 އަށްވުރެ ގިނަ މީހުން ވަނީ ޚިދުމަތް ހޯދާފައެވެ.
އަދި ނަފުސާނީ ބަލީގެ ފަރުވާ އަތޮޅުތަކަށް ފުޅާކުރުމަށާއި، މި ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޚާއްޞަ ސިޔާސަތުތަކެއް އެކުލަވާލައިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.




