އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން މުޅި ސަރަޙައްދަށް ފެތުރިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައިގެ ނުސާފުމިން ސިއްޙަތަށް ނުރައްކާވާ ދަރަޖައަކަށް މައްޗަށް ދިއުމާ ގުޅިގެން މެލޭޝިއާގެ ގިނަ ސަރަޙައްދުތަކެއްގެ މަދަރުސާތައް ވަގުތީ ގޮތުން ބަންދުކުރަން އެ ޤައުމުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ވައިގެ ތަޣައްޔަރުކަން ބޮޑުވެ، ދަރިވަރުންނާއި އާންމުންގެ ސިއްޙަތަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑުވުމުންނެވެ.
މެލޭޝިއާގެ ތަޢުލީމީ ވަޒީރު ފަދްލީނާ ސިދޭ އޮކްޓޫބަރު 8 ވަނަ ދުވަހުގެ ރޭ މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، މަދަރުސާތައް ބަންދުކުރަން ކަނޑައެޅި ސަރަޙައްދުތަކުގެ ތެރޭގައި މެލޭޝިއާ ޕެނިންސިއުލާގައި ހިމެނޭ ޖޮހޯ، މްލަކާ، ނެގެރި ސެމްބީލާން އަދި ސިލަންގޯރު ސްޓޭޓްގެ އިތުރުން ވެރިރަށް ކުއަލަ ލުމްޕޫރާއި އިދާރީ މައި މަރުކަޒު ޕުތުރަޖާޔާ ހިމެނެއެވެ. މީގެއިތުރުން، ޕަހާންގ ސްޓޭޓުގެ ރޮމްޕިން ޑިސްޓްރިކްޓްގެ މަދަރުސާތައް ވެސް މި ނިންމުމުގެ ދަށުން ބަންދުވާނެއެވެ.
ޙާލަތާ ގުޅިގެން ވަޒީރު ވިދާޅުވީ، ހުރިހާ ސްޓޭޓެއްގެ ތަޢުލީމީ ޑިޕާޓްމަންޓްތަކަށާއި ޑިސްޓްރިކްޓް ތަޢުލީމީ އޮފީސްތަކަށް ދުމުގެ އަސަރު މެދުނުކެނޑި ބަލަމުން ގެންދިއުމަށާއި، ކަންކަން ދިމާވާ ގޮތަކުން ވަގުތުން ފިޔަވަޅު އެޅުމަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ވައިގެ ފެންވަރު ވަޒަންކުރާ މެލޭޝިއާގެ އެއާ ޕޮލިއުޓަންޓް އިންޑެކްސްގެ މިންގަނޑުތަކަށް ބަލާއިރު، 101 އާއި 200 އާ ދެމެދަކީ ސިއްޙަތަށް ގެއްލުންހުރި މިންވަރެކެވެ. އިންޑެކްސް 201 އާއި 300 އާ ދެމެދުގައި ހުންނަ ނަމަ އެއީ ވަރަށް ނުރައްކާތެރި މިންވަރެއް ކަމުގައި ބެލެވޭއިރު، 300 އިން މައްޗަށް ދިއުމަކީ އިންތިހާއަށް ނުރައްކާތެރި ދަރަޖައެކެވެ. ސަރުކާރުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 9 ވަނަ ދުވަހުގެ ހެނދުނު އެ ޤައުމުގެ 37 ސަރަޙައްދެއްގައި ވައިގެ ނުސާފުމިން ހުރީ ސިއްޙަތަށް ގެއްލުންހުރި ދަރަޖައިގައެވެ.
އިންޑޮނޭޝިއާގެ އެކި ޕްރޮވިންސްތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާއިރު، އޭގެ ސަބަބުން އަވައްޓެރި މެލޭޝިއާގެ އިތުރުން ސިންގަޕޫރަށް ވެސް ވަނީ ދުމުގެ އަސަރު ފެތުރިފައެވެ.
މި ކަމާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އޮކްޓޫބަރު 8 ގައި ވިދާޅުވީ، ދުމުގެ މައްސަލަ ޙައްލުކުރުމަށް ފިޔަވަޅު އެޅުމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންތޯ އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، މި މަސައްކަތުގައި އެހީތެރިވެދިނުމަށް މެލޭޝިއާ ތައްޔާރަށް އޮތް ކަމަށެވެ.
މީގެއިތުރުން ސަރަޙައްދީ ފެންވަރުގައި އެކަށީގެންވާ އިޖާބައެއް ދިނުމަށާއި އިންޑޮނޭޝިއާއަށް އެއްބާރުލުން ދިނުމުގެ ގޮތުން، އާސިއާންގެ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް ބާރުއެޅުއްވުމަށް ޚާރިޖީ ވަޒީރަށް އަންގަވާފައިވާނެ ކަމަށް ވެސް ބޮޑުވަޒީރު ހާމަކުރެއްވިއެވެ.



