ޖަލުގައި ތިބޭ ޤައިދީން އިސްލާހުކޮށް، މުުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ތަމްރީންވެގެން ނުކުންނަ ޖަލު އޮފިސަރުންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ ”ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ“ ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
އިޙްސާން ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ޤައުމީ ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ ބައެއް ކަމަށެވެ.
މީހަކު ކުށެއް ކޮށްގެން ކޯޓު މަރުހަލާއަށްފަހު ޖަލަށް ވަނުމާހަމައިން، ޖަލުން ނިކުމެ އަނބުރާ މުޖްތަމައަށް ނުކުތުމާމެދު އެމީހުންނާ ޙަވާލުވެ ހުންނަނީ ޖަލު އޮފިސަރުން ކަމަށާއި، އެމީހުންގެ ސަލާމަލާތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޖަލުގައި ތިބޭ ޤައިދީންނަށް ޚިދުމަތްތައް ފޯރުކޮށްދީ، އެފަރާތްތައް އިސްލާހުކޮށް، މުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް ވެސް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.



