މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން މަޝްރޫއުތައް ކުރިއަށްގެންދާއިރު، ހއ. އަދި ހދ. އަތޮޅު ހިމެނޭ ޒޯން 1 ގައި އެކަނިވެސް މިވަގުތު 87 މަޝްރޫއެއްގެ މަސައްކަތް ހިނގަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޒޯން 1 ގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު އާލިމް ވިދާޅުވީ، މުޅި ރާއްޖޭގައި އެ ކުންފުނިން މިވަގުތު 800 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން ޒޯން 1 އަށް ކަނޑައެޅިފައިވާ ޖުމްލަ 116 މަޝްރޫއުގެ ތެރެއިން 87 މަޝްރޫއަކީ ރަސްމީކޮށް އެއްބަސްވުންތަކުގައި ސޮއިކުރެވި، އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާ މަޝްރޫއުތައް ކަމަށް އާލިމް ފާހަގަކުރެއްވިއެވެ.
ޒޯން 1 ގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އުމްރާނީ ތަރައްގީގެ މުހިންމު ބޮޑެތި ވަސީލަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި އެއާޕޯޓް ތަރައްގީކުރުމާއި، ހޮސްޕިޓަލްތަކާއި، ސްކޫލް އިމާރާތްތަކާއި، ހެލްތު ސެންޓަރުތަކުގެ އިތުރުން މިސްކިތްތައް ބިނާކުރުން ހިމެނެއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓުތަކާއި ހޭންޑްބޯލް ކޯޓުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އާލިމް ވިދާޅުވިއެވެ.
މި ޒޯނުގައި ކުރިއަށްދާ ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހއ. ދިއްދޫގައި އަޅާ ހއ. އަތޮޅު ހޮސްޕިޓަލްގެ އިމާރާތާއި، މަކުނުދޫ އެއާޕޯޓްގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ހަނިމާދޫ މިސްކިތް ބިނާކުރުމާއި، ހޯރަފުށީ މަގުހެދުމުގެ މަޝްރޫއާއި، ވައިކަރަދޫ ސްކޭޓް ޕާކުގެ އިތުރުން އުލިގަމުގައި އަޅާ އިމިގްރޭޝަން ބިލްޑިންގ ހިމެނެއެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ހަވާލުކުރަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން އާލިމް ވިދާޅުވީ، ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން އެމްޓީސީސީގެ އަމާޒަކީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި، މަސައްކަތުގެ ފެންވަރު ދަމަހައްޓައިގެން އެންމެ ފުރިހަމައަށް މަޝްރޫއުތައް ނިންމައި ހަވާލުކުރުން ކަމަށެވެ.



