މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ކުރިއަށްގެންދާ އެއަރޕޯޓު މަޝްރޫޢުތަކުގެ ތެރެއިން ތާވަލާ އެއްގޮތަށް އެންމެ އަވަހަށް ނިންމާލެވޭނީ ފ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
ސަޢުދީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިހާރު ކުރިއަށްދާ އެއަރޕޯޓުތަކުގެ މަސައްކަތްތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން ސަޢުދީ ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަކުނޫދޫ އެއަރޕޯޓުގެ މަސައްކަތް އަދި ކިރިޔާ ފެށުނީ ކަމަށާއި، އަލިފުށީ އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށްޓަކައި ބިން ހިއްކަން ޖެހޭ ކަމަށެވެ. އަދި އަލިފުށީގެ ބިން ހިއްކުމުގެ މަސައްކަތް އައު ޑްރެޖަރާއެކު ފެށޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
”ފ. މަގޫދޫއާއި، ފ. ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް އަންނަނީ ކުރަމުން. އަދި ގުރައިދޫ އެއަރޕޯޓުގެ އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ވަނީ ނިމިފައި. އެ މަސައްކަތް މިހާރު އެމްއޭސީއެލްއާއި ވަނީ ހަވާލުކޮށްފައި. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް،“ ސަޢުދީ ވިދާޅުވިއެވެ.
މަގޫދޫ އެއަރޕޯޓްގެ އިމާރާތްތަކުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އެގޮތުން ފަޔަރ ބިލްޑިންގގެ ހުރިހާ މަސައްކަތްތަކަކާއި ޓަރމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް އެއްކޮށް ނިމިފައިވާއިރު، ރަންވޭ އަޅާ ސަރަޙައްދު ތައްޔާރުކޮށް އެކަމާ ގުޅޭ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. މުޅި މަޝްރޫޢަށް ބަލާއިރު އެއަރޕޯޓްގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެއަރޕޯޓަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާއެކު، ސިނާޢީ އަދި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގައާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. މި އެއަރޕޯޓުގައި ތަރައްޤީކުރަނީ 1500 މީޓަރުގެ ރަންވޭއެކެވެ.
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2022ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަދި ޢަމަލީ މަސައްކަތް 2023ގެ ކުރީކޮޅު ފެށުމަށްފަހު މެދުކެނޑުމެއް އައި ނަމަވެސް، މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ އަލުން މަސައްކަތް ފަށާފައެވެ.
ސަރުކާރުން ވަނީ މި ދައުރުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށާނެކަމުގެ ޔަގީންކަން ދީފައެވެ. މި އެއަރޕޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިންނެވެ.


