ސަޢޫދީ ޢަރަބިއްޔާގެ ބައިނަލްއަޤްވާމީ ދެ ވައިގެ ބަނދަރަކަށް ދިން ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަސަރުކޮށްފައިވާ ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ސަޢޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އަދި އެ ހާދިސާތަކުގައި އެއްވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ނުވަތަ އެކި ބޭނުންތަކުގައި ގޮސް އުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވާނަމަ، އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ރިޔާޟްގެ ވައިގެ ބަނދަރަށް އަމާޒުކޮށް ދިން ހަމަލާގައި ބަޔަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާތީ ދިވެހި ސަރުކާރުން ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާންމު ރައްޔިތުންނާއި މުހިންމު މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް އެފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. އަދި މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މުޅި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
މީގެއިތުރުން، ސަޢޫދީގެ ސިޔާދަތާއި، ޤައުމުގެ ސަލާމަތާއި، އެ ޤައުމުގެ ރައްޔިތުންނާއި އެތަނުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.




