ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ވައުދު“ ހާސިލުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ ވައުދުވެވަޑައިގެންފި އެވެ.
ފަސް މިލިއަން ގަސްއިންދުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ އެއް ވައުދެވެ. މި ވައުދު ހާސިލުކުރުމުގެ ގޮތުން، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މިއަދު ސަރުކާރުން ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށްޓަވާފަ އެވެ.

ޕްރޮގްރާމް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ޕްރޮގްރާމް އިފުތިތާހުކުރުމަށް މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، އެ މަނިކުފާނު ވަނީ ޕްރޮގްރާމް އަމަލީގޮތުން ފެއްޓެވުމުގެ ގޮތުން ކާބޮލި އަރޮޅި ގަހެއް އިންދަވާފަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އެ ޕްރޮގްރާމުގައި ބޭނުންކުރާނެ ލޯގޯވެސް އިފުތިތާހުކޮށްދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ގައުމީ ފެންވަރުގައި އިފްތިތާހު ކޮށްދެއްވި ”ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގައި ސެޓެލްކޯއިން ބައިވެރިވެ، އެކުންފުނިން ވަނީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ސްޓޭލްކޯއިން މަދުވެގެން 500،000 ގަސް އިންދުމަށް ވައުދުވެފަ އެވެ. މިކަމުގެ ވައުދުނާމާގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީއެވެ. އެންވަޔަރަންމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ.

ރައީސްގެ ރިޔާސީ ވައުދު ފުއްދުމަށް، އަތުކުރި އޮޅާަލައްވައި، މިއަދުން މިއަދަށް ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ އެ ކުންފުނީގެ ހުރިހައި މުވައްޒަފުން ޝާމިލުވާގޮތަށް، މުޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތަށް ފަސް ލައްކަ ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ފަށްޓަވާފަ އެވެ. މިއަދު މި ހަރަކާތް ފެއްޓެވީ މާލެ އަތޮޅު ވެރިކަން ކުރާރަށް ތުލުސްދޫއިންނެވެ. ތުލުަސްދޫ ކައުންސިލްއާ ގުޅިގެން މިއަދު ހަވީރު މި ޕްރޮގްރާމް އިފްތިތާހުކުރެއްވީ އެމްޑީ ފަހުމީއާއި ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ. ސްޓެލްކޯގެ މުވައްޒަފުންނާއި، ތުލުސްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދުގެ ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވިއެވެ. ތުލުސްދޫގެ އިތުރުން، ފުރަ މާލެ ސަރަހައްދު ހިމެނޭހެން ސްޓެލްކޯއިން އިންޖީނުގެތައް ހިންގާ 33 ރަށެއްގައި އެއްފަހަރާ ސްޓެލްކޯއިން ގަސް އިންދަން ފަށާފައިވާއިރު މިއަދު ވަނީ ދިވެހި ރުކާއި، ކިނބިގަހާއި، ދިއްގާގަހާއި، ހިރުނދުގަހުގެ އިތުރުން އޮފި އެލޭ ގަސްތައް ހިމެނޭހެން 21,007 ގަސް އިންދާ ފެންދޭން ފަށާފަ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ވައުދަކީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، ރާއްޖެއަށް ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ހާސިލުކުރުމުގެ ވައުދެވެ. މި ވައުދު ހާސިލުކުރުމުގެ ގޮތުން މިއަދު ފެށި މިޕްރޮގްރާމް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ފަސް އަހަރުގެ ތެރޭގައި 5 މިލިއަން ގަސް އިންދަން ރާވާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށްތަކާއި، ރިސޯޓްތަކުގައިވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި އިންދަނީ ރާއްޖެއިން ނެތިގެން ހިގައިދާނެކަމުގެ ބިރު ހީވެފައިވާ ގަސްތަކާއި، ބޭސްވެރިކަމަށް ބޭނުން ހިފޭނެ ގަސްތަކާއި، މޭވާ އަޅާ ގަސްތަކުގެ އިތުރުން ހިޔާ ލިބޭ ގަސްތަކެވެ. މި ޕްރޮގްރާމް ކުރިޔަށްްގެންދަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެންނެވެ.




