މިއަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު އިޓަލީވިލާތް ވެފައިވަނީ މިއަހަރުގެ މިހާތަނަށް އެއް ޤައުމަކުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައި ފަސްވަނަ ޤައުމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް ޖުމްލަ 100,186 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މުޅި އެކު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1.6 މިލިއަނަށް އަރާފައެވެ. ނަމަވެސް މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.4 އިންސައްތަ ދަށް އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގަދަ ފަސް ޤައުމުގެ ލިސްޓަށް ބަލާއިރު:
- ޗައިނާ: 314,519 ފަތުރުވެރިން
- ރަޝިއާ: 237,203 ފަތުރުވެރިން
- އިނގިރޭސިވިލާތް: 123,336 ފަތުރުވެރިން
- ޖަރުމަނުވިލާތް: 105,024 ފަތުރުވެރިން
- އިޓަލީވިލާތް: 100,186 ފަތުރުވެރިން
ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ފުޅާވަމުން އަންނައިރު، މިވަގުތު ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް 1,294 ތަނެއް ވަނީ އޮޕަރޭޝަނަށް ގެނެސް ހުޅުވާފައެވެ. އަދި މި ތަންތަނުގެ ޖުމްލަ އެނދުގެ ޢަދަދު (ބެޑް ކެޕޭސިޓީ) ވަނީ 68,093 އަށް އަރާފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިއަހަރުގެ ކުރީކޮޅު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަކި މުއްދަތަކަށް ދަށްވެގެން ދިޔައެވެ. ޚާއްޞަކޮށް މާރިޗު، އެޕްރީލް އަދި މެއި މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 24 އިންސައްތަ ދަށަށް ދިޔަކަން ފާހަގަކުރެވެއެވެ.
ނަމަވެސް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުން ގުޅިގެން ކުރި މަސައްކަތުން، އެ ދަށްވުން މިހާރު ވަނީ 1.3 އިންސައްތައަށް ކުޑަކުރެވިފައެވެ.
އަދި އަހަރުގެ ތިން މަހެއްގައި ދަށްވުމެއް ކުރިމަތިވި ނަމަވެސް، މިއަހަރު ނިމޭއިރު ވޭތުވެދިޔަ އަހަރާ އެއްވަރަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ލަފާކުރައްވާފައެވެ.




