ކ. ފިނޮޅު ފަޅުގައި ތަރައްޤީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ބައުންޑަރީ ތެރޭގައި ހިމެނޭ ފަރުގެ ސަރަހައްދު، ރަސްމީކޮށް ’އަދަރ އެފެކްޓިވް އޭރިއާ-ބޭސްޑް ކޮންސަވޭޝަން މެޝަރސް‘ (އޯއީސީއެމް) އެއްގެ ގޮތުގައި ކަނޑައަޅައި އެކަމުގެ އެވޯޑު މިއަދު އަރުވައިފިއެވެ.
ކްރޮސްރޯޑްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ރިޒޯޓާ މި އެވޯޑު ހަވާލުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވަނީ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ބާރަކާއި ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަން ފާހަގަކުރައްވައި، މިފަދަ އޯއީސީއެމް ސަރަހައްދެއް ކަނޑައެޅުމުން ފަތުރުވެރިކަމަށާއި ތިމާވެށްޓަށް ކުރާނެ ފައިދާތައް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ އިތުރުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީބީޑީ) ގެ ދަށުން ކަނޑައެޅުނު މި ސަރަހައްދުގެ ޖުމުލަ ބޮޑުމިނަކީ 1.71 އަކަކިލޯމީޓަރެވެ. މި ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކްރޮސްރޯޑްސްއިން ކުރިއަށްގެންދަނީ ޖުމުލަ 3 ޒޯނަކަށް ބަހާލައިގެންނެވެ.
މި ސަރަހައްދަކީ ތަފާތު ގިނަ ވައްތަރުގެ މުރަކައާއި ފަރުމަހުގެ އާއިލާތަކުން މުއްސަނދިވެފައިވާ ތަނެކެވެ. މީގެއިތުރުން ފަޅުމިޔަރާއި އޮޅުފަތި މިޔަރުގެ އިތުރުން މާހުޅުނބު ލަނޑާއާއި، ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ ކަހަނބުގެ ބާވަތްތައްވެސް މި ސަރަހައްދުން ދަނީ ރެކޯޑުކުރެވެމުންނެވެ. ވަކިން ޚާއްޞަކޮށް، އޯއީސީއެމްގެ 3 ވަނަ ޒޯނަކީ ގިނަ އަދަދަކަށް ކޯމަހުގެ ބާވަތްތައް ފެންނަ ޚާއްޞަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިއާއެކު ތިމާވެށި ރައްކާތެރިކުރުމުގައި ކްރޮސްރޯޑްސްއިން ނެރެދެމުންދާ މި ނަތީޖާއަކީ، ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް އެޅުނު މުހިންމު ނަމޫނާ ފިޔަވަޅެކެވެ.



