ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ ވަކި ޚާއްސަ ގައުމުތަކަކަށް އެކަނި ބޭސްފަރުވާއަށްދޭ 1،000 ޑޮލަރު ދޫކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހަމަޖައްސައިފިއެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކަށް އެކަނި ބޭސްފަރުވާއަށްދޭ 1000 ޑޮލަރު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތަށް އަމިއްލަ ޚަރަރުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހީންނަށްދޭ 1000 ޑޮލަރު ދޭނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު، އަދި ޔޫ.އޭ.އީ އަށް ދަތުރުކުރާ ފަރާތްތަކަށް އެކަނި ކަމުގައިވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މިގޮތަށް ހަމަޖެއްސީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީންކުރުމަށްޓަކައި ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
މި އަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރު މި މުއްދަތާ އަދަދާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރުފައިސާއެވެ.
މިދިޔަަ އަހަރު އޮގަސްޓް މަހުން ފެށިގެން، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް 1000 އެމެރިކާ ޑޮލަރު ވިއްކަން ފެށުމާއެކު، ބޭސްފަރުވާއަށް ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށެވެ.
އާސަންދަމެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށްދޭ 2000 ޑޮލަރު ކުރިއެކޭ އެއްގޮތަށް ލިބޭނެއެވެ.



