ސިވިލް ސަރވިސްއަށް މުވައްޒަފުން އައްޔަނުކުރުމުގެ މަރުޙަލާތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދެފުއްފެންނަ ގޮތެއްގައި ކުރިއަށްގެންދެވޭނެ އޮންލައިން ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެ ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމާ ގުޅިގެންނެވެ.
މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ، ކޮމިޝަންގެ ޚިދުމަތްތައް ދެފުއްފެންނަ ގޮތެއްގައި ފޯރުކޮށްދިނުމަށް ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް ޚާއްޞަ އޮންލައިން ކޮމްޕްލެއިންޓްސް މޮޑިއުލްއެއް ޤާއިމުކޮށް، ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީ ވެވޭނެ ނިޒާމެއް މިހާރު ޤާއިމުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީފާ ދިނުމުގެ އިޖުރާއާތުތަކުގެ ތެރެއިން، ވަޒީފާއަށް ވަންނައިރު ދޭ ޓެސްޓުތައް އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަން ރަޝީދު ފާހަގަކުރެއްވިއެވެ.
”ބައެއް ދާއިރާތަކުން އޮންލައިން ރެކްރޫޓްމަންޓް ނިޒާމެއް ޤާއިމުކުރުމަށް ދަނީ މަސައްކަތްތަކުރަމުން. ޓެސްޓް ހެދުންފަދަ ކަންކަން. އެކަން ކުރާނީ ވަރަށް ދެފުއްފެންނަ ނިޒާމަކުން،“ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ސިވިލް ސަރވިސްގެ ވަޒީފާތަކަށް އަލަށް 4,370 މީހުން ވަނީ ގުޅިފައެވެ. އަދި އެއް ވަޒީފާއިން އަނެއް ވަޒީފާއަށް 415 މުވައްޒަފުން ބަދަލުވެފައިވާއިރު، 1,935 މުވައްޒަފަކަށް ވަނީ މަޤާމުގެ ކުރިއެރުން ލިބިފައެވެ. މީގެއިތުރުން އެ އަހަރުގެ ތެރޭގައި ވަޒީފާއިން ވަކިވި މުވައްޒަފުންގެ ޢަދަދަކީ 1,506 އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު އެ ކޮމިޝަނަށް 5,930 ޝަކުވާއެއް ލިބިފައިވާއިރު، އޭގެ ތެރެއިން 5,834 ޝަކުވާއަކަށް ވަނީ ޖަވާބުދާރީވެފައެވެ. ކޮމިޝަނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވަޒީފާއަށް މީހުން އައްޔަނުކުރުމާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކެވެ. އަދި އެކިއެކި ޚިދުމަތްތަކާ ގުޅޭގޮތުން 8,000 އަށްވުރެ ގިނަ ރިކުއެސްޓް ލިބިފައިވާކަމަށްވެސް ރިޕޯޓުގައިވެއެވެ.
މުޅި ސިވިލް ސަރވިސްގައި މިހާރު 35,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، ކޮމިޝަންގައި ތިބި މުވައްޒަފުންގެ ޢަދަދު މަދުވުމުގެ ސަބަބުން މިހާ ގިނަ މުވައްޒަފުންގެ ކަންކަން އެންމެ އެދެވޭ ގޮތުގައި ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަން ކޮމިޝަނުން މަޖިލީހުގެ ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ.
ޤަވާޢިދުތަކަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ކޮމިޝަނުން އަލަށް 3 ޤަވާޢިދެއް އެކުލަވާލައި، 19 އިޞްލާޙެއް ގެނެސްފައިވެއެވެ.
އަދި މީގެ އިތުރުން 72 އިދާރީ އޮނިގަނޑެއް ފާސްކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.



