ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން އެ މަގާމުން ވަކިކޮށްފިއެވެ.
އަފީފް އެ މަގާމުން ވަކިކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަފީފްގެ ކުރިން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ މުހައްމަދު ނަޖާހުއެވެ. އަފީފަކީ މި ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާއެވެ. ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފަކީ މީގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޗެއާމަންކަމާއި ބޯޑު މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އަފީފު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން ވަކިކުރިއިރު، އެ ކުންފުނީގެ ދަށުން ކުރަމުންދިޔަ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ފެނަކަ އުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.




