ވަކި ގަނޑިތަކެއްގައި، މުދާ އުފުލާ އެއްގަމު އުޅަނދުތަކާއި ބަރު އުޅަނދުތައް މާލެ އަދި ހުޅުމާލޭގައި ދުއްވުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭ ސަރަަހައްދުގައި، މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވަން ވަކި ގަޑިތަކެއް ހަމަޖެއްސީ، ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަމަށެވެ.
ޚާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި، ސްކޫލްތަކުގެ ސަރަހައްދުތަކުގައި މި ބާވަތުގެ އެއްވެސް އުޅަނދެއް ދުއްވުމާއި މުދާ އުފުލުން ވަނީ މަނާކޮށްފައެވެ.
މިވަގުތުތަކުގައި މިފަދަ އުޅަނދުތައް ދުއްވޭނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި އެކަންޏެވެ. އެވަގުތަށް މާލޭގެ އެހެނިހެން މަގުތަކާއި ހުޅުމާލޭގެ މަގުތައް އަދި ބުރިޖާއި ހައިވޭގައި ވެސް މިފަދަ އުޅަނދުތައް ދުއްވުން މަނާވާނެއެވެ.
އެގޮތުން، މިވަގުތުތަކުގައި ދުއްވުން މަނާވާނީ، 350 ކިލޯއަށް ވުރެ މަތީގެ މުދާ އުފުލާ އުޅަނދުތައް، ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުފަހަރެވެ.
މުދާ އުފުލުން މަނާކޮށްފައިވާ ވަގުތުތަކަކީ ހެނދުނު 6 އިން ހެނދުނު 8:30 އަށް އަދި ހެނދުނު 11:30 އިން މެންދުރު 1:30 އަށެވެ.


