ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫއާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށާއި، ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ދޮގު ވާހަކަ ނުދެއްކުމަށް ހޯމް މިނިސްޓަރު އަލީ އިހްސާން އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިސްލާމީ ވަހުދަތަށް އޮތް ނުރައްކަލެއް ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބަދަލުގައި މުޅި ރަސްމާލެ ދީފައިވަނީ އެ ކުންފުނީގެ ވެރިޔާއަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެ ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ފުރިހަމައަށް ހިނގާނެ ކަމަށާއި ސަލާމަތީ ބާރުތަކުގެ ގާނޫނީ ބާރު ވެސް އޮންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ނޫން ގޮތަކަށް މި ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށާއި، އޭނާއަކީ ވެސް ގައުމު ދިފާއުކުރުމަށް ފުރާނަ ގުރުބާންކުރުމަށް ހުވާކޮށްގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު އެރުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގެ ބައެއްގެ ގޮތުގައި ހިންގާ މި މަޝްރޫއަކީ ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ރާއްޖޭގައި ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި ސިނާއީ ބޭނުންތަކަށް ދޫކޮށްފައިވާ 200 އަށް ވުރެ ގިނަ ރަށް އޮތްއިރު، އެ ހުރިހާ ރަށެއްގައިވެސް އާންމު ސެކިއުރިޓީ ބަލަހައްޓަނީ އެ ރަށެއް ހިންގާ ފަރާތްތަކުން އަމިއްލައަށް ކަމަށާއި، ރަސްމާލެ ވެސް އެ އުސޫލާ ތަފާތު ނުވާނެ ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް، އެފަދަ ކޮންމެ ތަނެއްގައި ވެސް ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައި ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަޝްރޫއުގެ ބާވަތުން އެ މަސައްކަތް ކުރަން ޖެހެނީ އެ ރަށުގައި ގާއިމުވެ ތިބެގެން ކަމަށްވާ ނަމަ އެކަން ކުރާނީ އެގޮތަށް ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ކަންކަމުގެ ހަގީގީ މައުލޫމާތު ނެތް ނަމަ، އެ މައުލޫމާތެއް އެނގޭ ފަރާތްތަކުން ސާފުކުރުމަށް އިލްތިމާސްކުރައްވައި، ގައުމީ ސަލާމަތާ ގުޅުވައިގެން ދޮގު ވާހަކަ ނުފެތުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.



