ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން އައްޑޫ މީދޫގައިލ ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފިއެވެ.
މި މައުރަޒަކީ އައްޑޫ މީދޫ ކައުންސިލުން އިސްނަގައިގެން، ރަށުގެ ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާ ކުރިއެރުވުމުގެ މަޤްޞަދުގައި އިންތިޒާމުކުރި ހަރަކާތެކެވެ.
މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
މީދޫ ކައުންސިލުން ވިދާޅުވީ، މިފަދަ މައުރަޒެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމާއެކު، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފައިދާހުރި ކާބޯތަކެތި ބޭނުންކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަކީވެސް މި މައުރަޒުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި މައުރަޒުގައި ހުޅުދޫ އަދި މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން، ރަށުގެ ދަނޑުވެރިންނާއި ގޭގައި ތިބެގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ހިންގާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ކެއުންބުއިމަށް ބޭނުންކުރާ ތަފާތު ބާވަތްތަކާއި، ދިވެހިން އިހު ޒަމާނުގައި ތައްޔާރުކޮށް ބޭނުންކުރި ސަގާފީ އެކި ކާބޯތަކެތި މައުރަޒުގައި ދައްކާލާފައިވެއެވެ.
ތަފާތު ވަނަތައް ހޮވުމާއެކު ކުރިއަށްގެންދިޔަ މި މައުރަޒަށް މީދޫ އަދި ހުޅުދޫ ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކޮށްފައިވެއެވެ.


