ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ އަންގާރަ ދުވަހު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދު 12 އެއްބަސްވުމެއްގައި ސޮއި ކުރައްވަން ހަމަޖެހިފައިވާކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހުން މިއަދު ބުނެފިއެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ އެ ގައުމުގެ ”ދަ އިންޓަނޭޝަނަލް ނިއުސް ޕާކިސްތާން (ދަ ނިއުސް.ޕީކޭ)“ ނޫހުން ބުނީ 10 އަހަރަށް ފަހު ދިވެހި ދައުލަތުގެ ވެރިއަކު ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާތީ ރައީސް މުއިއްޒުގެ ދަތުރުފުޅަށް އެ ގައުމުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ތައްޔާރީތައް ފެށުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިޝްހާގް ދާރު މިއަދު ހާއްސަ ބައްދަލުވުމެއް ބޭއްވެވި އެވެ.
”ބައްދަލުވުމުގައި ރިވިއުކުރީ ބައިލެޓަރަލް އެޖެންޑާ، ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، މޫސުަމަށް އަންނަ ބަދަލު، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަންގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން އަމާޒުކޮށްގެން،“ ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ، ދަ ނިއުސްގައިވެއެވެ.
މަތީފެންވަރުގެ ވަފުދަކާ އެކު، ރައީސް މުޢިއްޒު ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ދެގައުމުން އެމްއޯޔޫތަކާއި އެއްބަސްވުންތަކުގައި ސޮއިކުރާނެ ދާއިރާތަކުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ.
މީގެއިތުރުން ދެކުނު އޭޝިއާގެ ގައުމުތައް ބައިވެރިވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭަޝަން (ސާކް) އަަށް އަލުން ދިރުން ގެނައުމާ ބެހޭ ގޮތުން ވެސް ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ދެ ގައުމުން މަޝްވަރާކުރާނެ ކަމަށް ދަ ނިއުސް.ޕީކޭއިން ބުންޏެވެ.




