ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިން އޮން ޕެންޑަމިކް ޕްރިޕެއާޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ދިވެހިރާއްޖޭގައި ފަށައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މި މުހިންމު ބައްދަލުވުމަކީ ބައިނަލްއަގުވާމީ 42 މަންދޫބުންނާއި، ސަރަހައްދީ ސިއްހީ ދާއިރާގެ އިސްވެރިންނާއި މާހިރުން ބައިވެރިވެވަޑައިގަންނަވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ”ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް“ (ޕީއައިޕީ) ފްރޭމްވޯކާއި، ”ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމާޖިންގް ތުރެޓްސް“ (ޕްރެޓް) އިސްނެގުމުގެ އިތުރުން، ޑަބްލިއު.އެޗް.އޯ ޖީ.އައި.އެސް.އާރް.އެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމެވެ.
ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި، ޑަބްލިއު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ ”ޕެންޑެމިކް ފަންޑް“ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ގީލާ ވަނީ ސަރަހައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓާކުރުމާއި ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވައިލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.



