ރާއްޖޭގައި ދިމާވެދާނެ ކެމިކަލް އަދި ބަޔޮލޮޖިކަލް ކުއްލި ނުރައްކާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 13 އިން 15 އަށް ހޮޓެލް ޖެންގައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ކެމިކަލް އަދި ބަޔޮލޮޖިކަލް ނުރައްކަލުގެ ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި ކަމާގުޅޭ މުއައްސަސާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މީގެ މައިގަނޑު މަގުސަދަކީ ދުރާލާ ނުރައްކާތައް ދެނެގަތުމާއި، އިދާރާތަކުގެ ދައުރު ފުޅާކުރުމުގެ އިތުރުން ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
ކަމާގުޅޭ އެކި މުއައްސަސާތަކުން 50 އޮފިޝަލުން ބައިވެރިވި މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު ޤީލާ ޢަލީ އެވެ.
މި ބައްދަލުވުމަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން، އެމްއެންޑީއެފް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި މަސައްކަތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަދި ޑަބްލިއުއެޗްއޯ ސީއަރޯ އިންނެވެ.
މި މަސައްކަތު ބައްދަލުވުމުގައި ނުރައްކާތައް ވަޒަންކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، ރައްކާތެރިކަމުގެ އާލާތްތައް ބޭނުންކުރުމުގެ އިތުރުން، އަވަސް ފަރުވާގެ މިންގަނޑު ކަނޑައެޅުމާއި ޑިކޮންޓެމިނޭޝަން ފަދަ އަމަލީ އަދި ފަންނީ ހުނަރުތައް ތަރައްގީކުރުމަށް އަލިއަޅުވާލާފައިވެއެވެ. މީގެއިތުރުން ގައުމީ ފެންވަރުގައި އިޖާބަދިނުމުގެ ޕްލޭންތަކާއި ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) ތައް ހަރުދަނާކުރުމަށް އިސްކަންދޭނެ ކަންކަންވެސް ވަނީ ކަނޑައަޅާފައެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، ހާދިސާއެއްގެ ސަބަބުން ކެމިކަލް ނުވަތަ ބައޮލޮޖިކަލް މާއްދާތައް ބޭރުވުމާއި، ގައިންގަޔަށް އަރާ ބަލިމަޑުކަމެއް ފެތުރުން ނުވަތަ ވިހަވުމާއި ތަޣައްޔަރުވުމުގެ ހާލަތްތަކަކީ އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންކަމެވެ.
އެހެންކަމުން އެފަދަ ހާލަތްތަކުގައި އެކި އިދާރާތައް ގުޅިގެން އަވަސް ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.



