ހައުސިންގ މިނިސްޓްރީގެ ދަށުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް 58 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހައުސިންގް މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މަޝްރޫއުތައް ނިންމުމަށް ބޭނުންވާނެ ބަޖެޓާއި މި އަހަރުގެ ބަޖެޓުގައި އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާގެ މިންވަރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާނެ ކަމަށް ލަފާކުރެވެނީ 58,831,473,267 ރުފިޔާ ކަމަށެވެ. އަދި 2026 ވަނަ އަހަރު މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައިވަނީ ޕްރޮގްރާމް ބަޖެޓެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މިގޮތުން މަޝްރޫއުތައް ހިންގުމަށް ރާވާފައިވާ ޕްލޭނާއި އެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއިން. 2026 ވަނަ އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައެއްނުވޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 5 އެއާޕޯޓެއްގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި، އެ މަޝްރޫއުތައް ނިންމުމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.



