އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ސެގްމަންޓް 3 ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، ސެގްމަންޓް 3 ގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމުގެ ކުރިން އަޅާ ކެމިކަލް ކޯޓިންގ ކަމަށްވާ އެމް.ސީ-30 ޕްރައިމް ކޯޓު އެޅުމުގެ މަސައްކަތް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ.
އަދި ތާވަލާ އެއްގޮތަށް މާދަމާ ތާރު އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ތާރު އަޅައި ނިމުމުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން 3 ވަނަ ސެގްމަންޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މި ސެގްމަންޓުގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އެޅުމާއި ތާރު އެޅުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނެއެވެ.
ސެގްމަންޓް 3 ގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. އަދި މަގު ބަންދުކުރާ ވަގުތުގެ ކުރިން، އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ނިންމާލާފައިވަނީ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ. އެ ދެ ސެގްމަންޓުގެ މަސައްކަތް ނިމި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
ސެގްމަންޓް 3 ގެ މަސައްކަތަށްފަހު ދެން ފެށުމަށް ހަމަޖެހިފައިވަނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ ސެގްމަންޓް 4 ގެ މަސައްކަތެވެ.



