ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.
މި ބިލުގެ މައިގަނޑު އެއް މަޤްޞަދަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި، އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ޚިދުމަތްތަކުން ޓެކްސް ނެގުން ހުއްޓާލުމެވެ. އެފަދަ ޚިދުމަތްތަކުން ޓެކްސް ނަގަން ފަށާފައިވަނީ 1 އޮކްޓޫބަރު 2026 ގައެވެ. މީގެއިތުރުން، ޓެކްސް ނުދައްކާ ފަރާތްތަކާމެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުންވެސް މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.
ހުށަހެޅިފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ފަރާތަކުން ކޮށްފައިވާ މުޢާމަލާތެއްގެ ޒާތަށް ބަލާއިރު އެކަން ކޮށްފައިވަނީ ޓެކުހުގެ މަންފާއެއް ހޯދުމަށް ކަމަށް ބެލެވޭނަމަ ނުވަތަ ޓެކްސް އާ ގުޅޭ މަންފާއެއް ލިބިފައިވާނަމަ، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުޢާމަލާތެއްގެ ގޮތުގައި ބެލެވޭނެއެވެ. ޓެކްސް ދެއްކުމުން އެއްފަރާތްވާން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެ މުޢާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުޢާމަލާތެއް ނޫންކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް މި ބިލުން ލިބިދެއެވެ.
މި ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ޙާލަތްތައް ތަފްޞީލުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކުޑަކުރުމާއި، ޖީއެސްޓީ ދައްކަންޖެހޭ ތާރީޚު ފަސްކުރުން ފަދަ ކަންކަން ހިމެނެއެވެ.
މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ހިސާބުންނެވެ.



