ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް 880 ސޯލާ މަގުބައްތި ރަސްމީކޮށް ހަދިޔާކޮށްފިއެވެ.
މި މަގުބައްތިތަކަކީ ދިވެހިރާއްޖެ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރިއަށްގެންދާ ”ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް“ މަޝްރޫޢުގެ ދަށުން، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާކުރި ތަކެއްޗެވެ.
މި ތަކެއްޗާ ހަވާލުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާގެ ރައީސާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި ރާއްޖެއަށް މަގުބައްތި ހަދިޔާކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގާތް ޤައުމެއްކަން ފާހަގަކުރައްވައި، މި މަގުބައްތިތަކާއެކު ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެކުރިން ޗައިނާއިން ހަދިޔާކުރި ސޯލާ މަގުބައްތިތައް ރާއްޖޭގެ ތިން ރަށެއްގައި ހަރުކޮށްފައިވާއިރު، އަލަށް ހަދިޔާކުރި މި ބައްތިތަކާއެކު އިތުރު ރަށްރަށުގައި މަގުބައްތި ހަރުކުރެވި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގައި ބޭނުންކުރާ ޖުމްލަ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.
މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު މިހާރު 116 މެގަވޮޓަށް އިތުރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



