ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަޤާމުން އިސްތިއުފާ ދެއްވިކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޖޭއެސްސީން ހާމަކުރި ގޮތުގައި ޤާޟީ އިޙްސާން މަޤާމުން އިސްތިއުފާ ދެއްވައި، އެކަން ބަޔާންކޮށް ކޮމިޝަނަށް ސިޓީ ހުށަހެޅުއްވީ މިއަދުއެވެ. އެހެންކަމުން މިއަދުން ފެށިގެން އޭނާ ވަނީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންފައެވެ.
ޤާޟީ އިޙްސާން މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއާ ގުޅޭ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށެވެ. އެގޮތުން، އޭނާގެ މައްޗަށް ހުށަހެޅި ތަޙްޤީޤުކުރަމުންދިޔަ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން، މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ޖޭއެސްސީން ވަނީ އޭނާ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައެވެ.
މީގެއިތުރުން، ޤާޟީ އިޙްސާން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.



