ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ހިތްވަރު ދިން މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޒިހާން ހައްޔަރުކުރީ ފުވައްމުލަކުގައި ހުއްޓައެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޒިހާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދައުލަތުގެ މުހިންމު މި ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށާއި، އެ ތަންތަނުގައި ރޯކޮށްލުމަކީ ”މަޖާ“ ކަމަކަށް ވާނެ ކަމަށެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.


