ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ގއ، ގެމަނަފުއްޓަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުގެ) ރިކޯޑްތަކުން ދައްކައިފިއެވެ.
މެޓް އޮފީހުން ބުނީ ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ގެމަނަފުއްޓަށް ކަމަށާއި އެރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑު ކުރެވިފައިވާ ކަމަށެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 90.3 މިލިމީޓަރުގެ ވާރެއެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ އަށެވެ. މާލެއަށް ވެހުނީ 90 މިލިމީޓަރުގެ ވާރޭއެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓުން ދަނީ ސަމާލުތައް ނެރެމުންނެެވެ.
އެގޮތުން އެއިދާރާއިން ބުނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއާ ކައިރިން އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން މޫސުން ގޯސްވާނެ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ޢަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ވިއްސާރަ ވިލާތައް އަތޮޅުތެރެއަށް ޖެހެމުންދާ ކަމަށެވެ. މީގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖެގެ އުތުރާއި މެދުރާއްޖެތެރެއަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އުތުރާއި މެދުރާއްޖެ ތެރޭގައި ވައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ރާއްޖޭގެ ދެކުނަށް ވައި ހުންނާނެކަމށް ލަފާކުރެވެނީ 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ގަުމީ އިދާރާ ، މެޓް އޮފީހުން ލަފާކުރެއެވެ.



