ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް މާލެ އަތޮޅު މާފުށީގައި ފަށައިފިއެވެ.
ބުރާސްފަތި ދުވަހު މާފުށީގައި ވެމްކޯގެ ޚިދުމަތްތަކާއި އޮޕަރޭޝަންތައް ފެށުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި ވެމްކޯ ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ގެ އިތުރުން، މާފުށީ ކައުންސިލް ގެ ބޭފުޅުންނާއި، މާފުށީގެ އެކި މުއައްސަސާތަކަށް ނިސްބަތްވާ ފަރާތްތައް ބައިވެރިވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ތޯރިޤް ވިދާޅުވީ މާފުށީގައި ވެމްކޯގެ ހިދުމަތް ފެށިގެން މިދިޔައީ އެރަށުގެ ކައުންސިލާއި ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި މާފުށްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަމުންދާ އެއް ރަށަށްވުމާއިއެކު، ވެމްކޯ ކުނި މެނޭޖުކުރުމުގެ ޙިދުމަތް އެރަށުގައި ފެށިގެން ދިޔުމަކީ ރަށަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވަޒީރު ތޯރިޤް އިތުރަށް ވިދާޅުވީ ވޭސްޓު މެނޭޖްމެންޓުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، ކުނި މެނޭޖު ކުރުމަށް ސަރުކާރުން އެކުލަވާލި 5 އަހަރުގެ ޕްލޭނުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ގޮތްތަކަށް އަލި އަޅުވާލާފައިވާނެ ކަމަށެވެ.
ވެމްކޯ އިން މައުލޫމާތު ދިން ގޮތުގައި މާފުށީގައި ކުނި މެނޭޖު ކުރުމުގެ ޙިދުމަތް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެން ކަމަށާއި، އެ ޙިދުމަތުގެ ފީ ސްޓެލްކޯ ގެ ކަރަންޓު ބިލުގައި ހިމެނުމަށް ރަޖިސްޓްރީ ކުރެވޭނެގޮތް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 500ރ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވެމްކޯ އިން ބުންޔެވެ.
މާފުށީގައި ވެމްކޯ ގެ ޙިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯ ގެ މެނޭޖިން ޑިރެކްޓަރު މުޖަތަބާ ޖަލީލު ވިދާޅުވީ ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ވެމްކޯ ގެ އިތުރުން އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ރަށު ކައުންސިލްތަކަށް ކަމަށެވެ.
”ކައުންސިލުން އަޅުގަނޑުމެންނާއި އެއްކޮށް އަތާއި އަތް ގުޅާލައިގެން، އެބޭފުޅުންގެ ވިސްނުމަށް އަޅުގަނޑުމެންވެސް ދީލާލައިގެން މި މަސައްކަތް ކޮށްފި ނަމަ އަޅުގަނޑުމެނަށް މި މަސައްކަތުގައި ފުރިހަމަ ކާމިޔާބީއެއް ލިބިގެންދާނެ“ – ވެމްކޯ ގެ އެމްޑީ މުޖަތަބާ ވިދާޅުވިއެވެ.



