އިސްލާމްދީނަކީ ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގުކަމަށާއި، ދެ ދުނިޔޭގެ ކާމިޔާބީ ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުޞޫލުތަކާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
”އިސްލާމްދީނުގެ މަތިވެރި ނިޢުމަތް“ މި މައުޟޫޢަށް ޚާއްޞަކޮށްގެން ދެއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނަކީ މާތް ﷲ އިންސާނުންނަށްޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީނެވެ.
އަދި އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ މި ދީނަކީ ހުރިހައި ހެޔޮ ކަމަކަށް ގޮވައިލާ، އަދި އެންމެހައި މުންކަރާތްތަކެއް ނަހީކުރާ ދީން ކަމުގައި ބަޔާންކުރެއްވިއެވެ. އެހެން ނަމަވެސް ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، ދީނީ ވާޖިބުތަކަށް އިހުމާލުވެ، ދީނުގެ މަތިވެރި އުޞޫލުތަކާ ބީރައްޓެހި ސަގާފަތްތަކަށް ތަބާވަމުންދާތީ އެކަމުގެ ހިތާމަ ޚުޠުބާގައި ވަނީ ފާޅުކުރައްވާފައެވެ.
ޚަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާންޖެހުނަސް ނުވަތަ އަނިޔާއެއް ލިބުނަސް ދީނާއި ޢަޤީދާގައި ސާބިތުވެ ހުންނާނެ މީހެއްކަން ފާހަގަކުރައްވައި، އިސްލާމްދީނުގެ ފުރަތަމަ ޖީލުގެ ޞަޙާބީން ދެއްކެވި ސާބިތުކަމުގެ މިސާލުތައް ޚުޠުބާގައި އަޅުއްވައިދެއްވިއެވެ. އެގޮތުން ކީރިތި ރަސޫލާގެ މުއައްޛިން ބިލާލުގެފާނަށް މައްކާގެ ހޫނު ހިލަބިމުގައި އަނިޔާކުރި ހިނދުވެސް ދެއްކެވި ސާބިތުކަމާއި، ޚައްބާބު ބިން އަރައްތަށް އަލިފާނުން އަނިޔާކުރެވުނު އިރުވެސް ދީން ދޫނުކުރައްވައި ހިފެހެއްޓެވި ހިތްވަރު ފާހަގަކުރެއްވިއެވެ. އަދި ދީން ޙިމާޔަތްކުރުމަށްޓަކައި މުދަލާއި ފުރާނައިން ޖިހާދުކޮށް، ހިޖުރަކުރެއްވި އެތައް ބޭކަލުންނެއްގެ ޤުރުބާނީ ވެސް ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބިފައިވަނީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، މި ދީނުގައި ފުރިހަމައަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި މާތް ﷲ އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެހެންކަމުން މުސްލިމުންނަށް ދުޝްމަނުންގެ މައްޗަށް ގަދަވެގަނެ އާރާއި ބާރު އަލުން ލިބޭނީ މާތް ﷲގެ ފޮތަށާއި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫޢަވެގެންކަން ހަނދާންކޮށްދެއްވައި، ޢުމަރުގެފާނު ވިދާޅުވި ބަސްފުޅު ކަމުގައިވާ، މާތް ﷲ މުސްލިމުންނަށް ޢިއްޒަތް ދެއްވީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި އެ ނޫން އެހެން ޢިއްޒަތެއް ހޯދަން އުޅެފިނަމަ ނިކަމެތިވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ފާހަގަކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވަނީ ގޭތެރޭގައްޔާއި ބާޒާރުތަކުގައްޔާއި މަޖިލިސްތަކުގައިވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމްދީނަކީ ޝިރުކާއި ބިދުޢަތަކުން ސާފުޠާހިރުވެގެންވާ ދީނަކަށްވާތީ، ހިތްނިޔަތް ﷲއަށް ޚާލިޞްކޮށް، ފަރުޟު ނަމާދުތައް ޤާއިމުކޮށް، ޒަކާތް ދީ، މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.



