ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ވާނީ ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ހަރުދަނާ ބިންގަލަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވަޠަނީ ޚިދުމަތުގެ މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ އަސާސީ ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފެށުމާ ގުޅިގެން ”އެކްސް“ ގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ އަސާސީ ތަމްރީނުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު ރަސްމީކޮށް އިފުތިތާޙު ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ ތަމްރީނުގެ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު ކުރައްވަމުންދާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅޭ ވަރަށް ހަރުދަނާ ބިންގަލަކަށް ކަމަށެވެ.
ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނުގެ 4ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ބައިވެރިވެއެވެ.



