އައްޑޫ ސިޓީ ހުޅުދޫގައި ހިންގާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ 2019 ވަނަ އަހަރު ހަވާލުކޮށްގެން ކުރިއަށްގެންދާ 68.8 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ، ބަނދަރުގެ ހާލަތު އޮތް ގޮތުން މަސްކިރުވުމަށާއި ބޮޑެތި ބޯޓުފަހަރަށް ވަދެ ނުކުމެ އުޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އިސްކަންދީގެން ހިންގާ މަޝްރޫޢެކެވެ.
ދާދިފަހުން ވަޒީރު އަޙްމަދު ޝިޔާމް ވެސް ވަނީ އެ ކޮމްޕްލެކްސްއަށް ޒިޔާރަތްކުރައްވައި ބަނދަރުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ އިތުރުން 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓެކްނިކަލް އިންޗާޖް އަޙްމަދު ފާރޫޤް ވިދާޅުވީ، މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ މި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިއީ ފިނިކުރި މަސް ސީދާ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ އިތުރުން މިފްކޯގެ އެހެން ސައިޓްތަކަށް މަސް ގެންދިއުމަށްވެސް މަގުފަހިވެގެންދާނެ ބަނދަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ފޭސް 1 ގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި އެވަނީ. މި މަސައްކަތް ނިމި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގޮތުގައި އެއްކޮށް ހިނގައި ގަންނާނެ. މިތަނުން މަސް ރާއްޖެއިން ބޭރަށް ފޮނުވުމާއި މިފްކޯގެ އެހެން ތަންތަނަށް ފޮނުވަން މެދުވެރިވަނީ އެ ބަނދަރު. ބަނދަރުގެ މަސައްކަތް އެބަކުރިއަށްދޭ،“ ފާރޫޤް ވިދާޅުވިއެވެ.
ފާރޫޤް އިތުރަށް ވިދާޅުވީ މިހާރުވެސް އެތަނުން މަސްވެރިންނަށް ޚިދުމަތް ދެމުން އަންނަނީ މަސްވެރިންނާ ވަރަށް ގާތުން ކަމަށެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިވަގުތު 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ހުރެއެވެ.




