އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން، ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
ފަލަސްޠީނު ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވާ އަންގާރަ ދުވަހުއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި، މި ދަތުރުގައި ފަލަސްޠީނު ޓީމު ކޭމްޕުކުރުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ. އަދި މި ކޭމްޕުގެ ތެރެއިން ފަލަސްޠީނު ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެ މެޗެއް ގުރައިދޫގައި ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.
މިގޮތުން ކުޅޭ ފުރަތަމަ މެޗު މި މަހުގެ 30 ވާ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި މެޗުތަކަކީ ކޮލިފައިންގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޒުވާން ޓީމަށްވެސް ބައިނަލްއަޤްވާމީ މުހިންމު ތަޖުރިބާތަކެއް ލިބި، ދެ ޤައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މެޗުތަކެއްކަމަށް އެފްއޭއެމް އިން ފާހަގަކުރެއެވެ.
މި ކޭމްޕު އިންތިޒާމުކުރުމުގައި ދިވެހި ސަރުކާރުންނާއި ގުރައިދޫ ކައުންސިލުން ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުން ފާހަގަކޮށް، އެފްއޭއެމް އިން ވަނީ އެ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ކޭމްޕުގެ ހުރިހާ ހަރަކާތްތަކެއް ނިންމާލުމަށްފަހު ކޮލިފައިން މެޗުތަކަށް ފަލަސްޠީނު ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު މިދިޔަ އަހަރުވެސް ވަނީ ރާއްޖޭގައި ކޭމްޕުކޮށްފައެވެ. ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިސްނެންގެވުމާއެކު މިދިޔަ އަހަރު ބޭއްވި އެ ކޭމްޕުގައި، އެ ޓީމުން ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ ދެ މެޗު ކުޅުނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވި އެ ދެ މެޗުންވެސް ކުރިހޯދީ ފަލަސްޠީނު ޓީމެވެ.



