ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށާއި، މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިފަދަ ހާލަތްތަކުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށެވެ.
އަދި މި ހާދިސާގައި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު އާންމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި އާއިލާތަކަށް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ކުއްލި މި ހާލަތުގައި ވަގުތުން އިޖާބަދީ، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ރައީސް ވަނީ ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އެމްއެންޑީއެފް، ފުލުހުންގެ ޚިދުމަތް، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓުގެ އިތުރުން ޖޭ.ޑަބްލިޔު މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކަށާއި، ށ. އަތޮޅު ހޮސްޕިޓަލް، ގައުމީ ކެޑޭޓްކޯ، ފުނަދޫ ކައުންސިލް، ސަރުކާރުގެ އިދާރާތައް އަދި ފުނަދޫގެ އެކުވެރި ރައްޔިތުން ދިން އެއްބާރުލުމުގެ އަގު ރައީސް ވަޒަންކުރެއްވިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، މިއަދު ހިނގި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައެވެ. މި ހާދިސާގައި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕް/ގަރާޖަކަށް އަލިފާނުގެ އަސަރު ކޮށްފައިވެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 5 ގޭބިސީއަކުން 33 ރައްޔިތުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ނޮދަރން އޭރިއާ ކޮމާންޑް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން، ފުނަދޫ އެއާޕޯޓް ފަޔަރ ޓީމާއި، ފުލުހުން، ކައުންސިލް އަދި ފުނަދޫ ސްކޫލް ކެޑޭޓުންނާއި އާންމު ރައްޔިތުން ވަނީ ގުޅިގެން ހަރަކާތްތެރިވެފައެވެ.
ހެނދުނު 11:58 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށާއި، އަލުން ރޯވިޔަ ނުދިނުމަށްޓަކައި ފިނިކުރުމުގެ މަސައްކަތްތައް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކަށް އެކިވަރުގެ އުނދަގޫތައް ވެފައިވާއިރު، އޭގެ ތެރެއިން 4 މީހަކަށް ށ. އަތޮޅު ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.



