ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށާއި، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން އިންތިޒާމުކޮށްގެން ”ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށް އެއްބާރުލުން އިތުރުކުރުން“ މި ނަމުގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި 30 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މީގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަންދޫބުން ހިމެނެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން އެ ކުދިންގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެހެނިހެން ގޮތްގޮތުން ޙައްލުކުރުމަށް ބާރުއަޅާ ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުއައްސަސާތަކުގެ ގުޅުން ބަދަހިކުރުމެވެ. އެގޮތުން ޑައިވަރޝަންގެ އުޞޫލުތަކާއި، ޤާނޫނާއި ސިޔާސަތުތަކުގެ ދަށުން އެކަންކަން ތަންފީޛުވަމުންދާ ގޮތް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ.
މީގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، މައްސަލަތައް ރިފަރކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޑައިވަރޝަންގެ ނިޒާމުގައި ކޮންމެ މުއައްސަސާއެއްގެ ދައުރާއި މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވާލައި، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޑައިވަރޝަން ޕްލޭންގެ ނަމޫނާތައް ވެސް ހުށަހަޅާފައެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކުދިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރާއްޖޭގައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުވީ 2019 ވަނަ އަހަރުގައެވެ. މި ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ދަނީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އެ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ތަފާތު އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޤައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކޮށް ކުރިއެރުވުން ހިމެނެއެވެ.
މީގެ އިތުރުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުދިން ވަނުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އެ ކުދިން ރައްކާތެރިކުރުމަކީވެސް މި ޤާނޫނުގެ މުހިންމު ލަނޑުދަނޑިއެކެވެ.


