ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ރިވިއުކޮށް ނިންމައި، އެ ފަރާތްތަކަށް ލިބުނު ޕޮއިންޓް މިއަދު އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ކޮންމެ މީހަކަށްވެސް ލިބުނު ޕޮއިންޓް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ ކަމަށެވެ.
މިނިސްޓްރީން ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނިގޮތުގައި، ވިލުފުށީގައި އިމާރާތްކުރި 100 ހައުސިން ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ އެއްގޮތަށް ފޯމުތައް ވަނީ ވެރިފައިކޮށް ނިމިފައެވެ. އަދި ފޯމު ހުށަހެޅި ފަރާތްތަކުން ހިޔާވެހި ޕޯޓަލަށް http://hiyaavehi.housing.gov.mv ލޮގިންވުމުން، އެ ފަރާތަކަށް ލިބިފައިވާ ޕޮއިންޓު ފެންނަން ހުންނާނެ ކަމަށް ބުނެފައިވެއެވެ. މި އުސޫލުގެ ދަށުން ފޯމުތައް ރިވިއުކޮށް ޕޮއިންޓް ދީފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލައި، މިނިސްޓްރީއާއި ވިލުފުށިން ހޮވާލެވުނު ޓީމެއް ހިމެނޭ ގޮތަށް އެކުލަވައިލި ޚާއްސަ ކޮމިޓީއަކުންނެވެ.
ލިބިފައިވާ ޕޮއިންޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ޝަކުވާ ހުށަހެޅުމަށް ރަސްމީ 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށެވެ.
ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ޝަކުވާއެއް ބަލައިނުގަންނާނެ ކަމަށާއި، ހައުސިން ޔުނިޓުތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ނެރޭނީ ހުށަހެޅޭ ޝަކުވާތަކަށް ބެލުމަށްފަހުގައި ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތ. ވިލުފުށީގައި 100 ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2014ވަނަ އަހަރުގައެވެ. ނަމަވެސް ކޯޓު މަރުހަލާތަކަކާ ގުޅިގެން އެ މަސައްކަތް 5 އަހަރު ދުވަހަށް މެދުކެނޑުމަށްފަހު، އަލުން ފަށާފައިވަނީ 2019ވަނަ އަހަރުގައެވެ.
މި މަޝްރޫއުގައި ތަރައްޤީކުރި ރޯހައުސްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، މި ޔުނިޓުތަކަށް ކުރިމަތިލުމަށް މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 200 އަށްވުރެ ގިނަ ފަރާތުން ވަނީ ފޯމު ހުށަހަޅާފައެވެ.




