މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިއަހަރުގެ ފުރަތަމަ ޚާއްޞަ ޢާންމު ޖަލްސާ (އީޖީއެމް) އަންނަ ނޮވެމްބަރު މަހުގެ 10 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖައްސައި، ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޖަލްސާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޖަލްސާ ނިޒާމު ”ފަހިވޯޓު“ މެދުވެރިކޮށެވެ.
އެމްއައިބީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑާ ގުޅޭ މުހިންމު ކަންތައްތަކަކާމެދު ގޮތެއް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. އޭގެ ތެރޭގައި ބޯޑަށް އާންމު ޑިރެކްޓަރަކު އައްޔަންކުރުމާއި، ބޭންކުގެ ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރަކު އައްޔަންކުރުން ހިމެނެއެވެ.
މި ޖަލްސާ އޮންނާނީ ނޮވެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:30 ގައެވެ. ޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމުގެ ފުރުޞަތު ލިބެނީ މިއަދު މެންދުރުފަހު 14:00 އާ ހަމައަށް ބޭންކުގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.
ޖަލްސާގައި ބައިވެރިވާން އެދޭ ޝަރުޠުހަމަވާ ޙިއްޞާދާރުންނަށް infinity.mv ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އަށް ރަޖިސްޓްރޭޝަން ފޯމު އީމެއިލް ކޮށްގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެމްއައިބީން މަޢުލޫމާތުދެއެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އެވެ.
ރަޖިސްޓްރޭޝަން ފޯމު ބޭންކުގެ އިންވެސްޓަރ ރިލޭޝަންސް ވެބްސައިޓް (www.mib.com.mv/investor-relations) އިން ލިބެން ހުންނާނެއެވެ.
އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ބޭނުންވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތައް ހަމައަށް ހުރިކަން ކަށަވަރު ކުރުމަށާއި، ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.



