މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ ”އެކްސެލަރޭޓިންގ ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ“ (އެރައިޒް) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި 15 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫޢު ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ސޮއިކޮށްފައިވަނީ ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައެވެ. ޕަވަރ ޕަރޗޭސް އެގްރީމަންޓުގައި ސޮއިކުރެއްވީ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީގެ ކަންޓްރީ މެނޭޖަރ ޗާއޮ ޝޯމިންގް އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސިނަސޯ ކުންފުނީގެ އިތުރުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
މި މަޝްރޫޢަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ބޭނުންކޮށްގެން ”ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަރ“ (ޑީބީއެފްއޯއޯޓީ) އުސޫލުން 20 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ވާދަވެރި ބީލަމުގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫޢަކީ އިންވެސްޓަރުންގެ ހިރާސްތައް ކުޑަކުރުމަށްޓަކައި ވޯލްޑް ބޭންކާއި ކްލައިމެޓް ޓެކްނޮލޮޖީ ފަންޑު، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ) ގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ޚާއްޞަ ރިސްކް މިޓިގޭޝަން ފްރޭމްވަރކެއްގެ ދަށުން ހިންގާ މަޝްރޫޢެކެވެ.
މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ލޮޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ލޮޓުގައި ލ. އަތޮޅުގެ 6 ރަށަކަށް ޖުމްލަ 2 މެގަވޮޓް ކަނޑައަޅާފައިވާއިރު، ދެވަނަ ލޮޓުގައި ސަރަޙައްދީ ބޮޑެތި މަރުކަޒުތަކަށް ވަނީ 13 މެގަވޮޓް ކަނޑައަޅާފައެވެ.
- ލޮޓް 1: ލ. އަތޮޅު ކްލަސްޓަރ (2 މެގަވޮޓް)
- ލ. މާމެންދޫ: 0.61 މެގަވޮޓް
- ލ. މާވަށް: 0.44 މެގަވޮޓް
- ލ. މާބައިދޫ: 0.38 މެގަވޮޓް
- ލ. ހިތަދޫ: 0.3 މެގަވޮޓް
- ލ. ކުނަހަންދޫ: 0.25 މެގަވޮޓް
- ލ. ދަނބިދޫ: 0.2 މެގަވޮޓް
- ލޮޓް 2: ސަރަޙައްދީ ބޮޑެތި މަރުކަޒުތައް (13 މެގަވޮޓް)
- ލ. ގަން: 4 މެގަވޮޓް
- ލ. ފޮނަދޫ: 3 މެގަވޮޓް
- ޅ. ނައިފަރު: 2.3 މެގަވޮޓް
- ގއ. ވިލިނގިލި: 1.65 މެގަވޮޓް
- ށ. ފުނަދޫ: 1.25 މެގަވޮޓް
- ލ. އިސްދޫ: 0.7 މެގަވޮޓް
- ލ. ކަލައިދޫ: 0.6 މެގަވޮޓް
މި މަޝްރޫޢާއެކު އެރައިޒް އަދި އެސްޕަޔަރ މަޝްރޫޢުގެ ދަށުން ރާއްޖޭގައި ޤާއިމުކުރެވޭ ސޯލާ ހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުވާނެ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީގެ 110 މެގަވޮޓުގެ 30 އިންސައްތައެވެ.
މީގެއިތުރުން، މި ނިޒާމުތައް ޤާއިމުކުރެވުމުން އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިޔަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހޭދައިން އަހަރަކު 180 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ޤައުމީ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.



