މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދުންފުހުގެ އަސަރުކޮށް ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި އަވައްޓެރި ޤައުމުތަކުން އަންނަ ދުންފުހުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުތަކަށް މިފަދަ އަސަރުތައް ފޯރަމުންދެއެވެ.
މެޓުން ބުނީ، ދުންފުހުގެ ސަބަބުން މެދު ރާއްޖެތެރެއާއި އުތުރުގެ ސަރަޙައްދުތަކުގައި ހަމަލޮލަށް ދުރު ފެންނަ މިންވަރު (ވިޒިބިލިޓީ) ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ޚާއްޞަކޮށް އުތުރުގެ އަތޮޅުތަކުގައި ދުރު ފެންނަ މިންވަރު ގާތްގަނޑަކަށް 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. އަދި މި ޙާލަތު މެދު ރާއްޖެތެރެއަށާއި ޚާއްޞަކޮށް އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް 5 ދުވަހުވެސް ދެމިގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދުންފުހުގެ އަސަރު ފެންނަމުންދާއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މި އަސަރު ވަނީ އާދަޔާ ޚިލާފަށް ދިގުދެމިގެން ގޮސްފައެވެ.
ވައި ނުސާފުވުމަކީ އޭގެ ސަބަބުން ކުރު އަދި ދިގު މުއްދަތުގައި ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ. އެގޮތުން ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ވިސްނުމުގެ ބާރު ދެރަވުމުގެ އިތުރުން، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި މައްސަލަތަކާއި، ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުމާއި، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ.
މި ދުވަސްވަރު ވައިގެ ނުސާފުކަން އިތުރުވަމުންދާތީ، ޞިއްޙީ ރައްކާތެރިކަމުގެ ގޮތުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން، އެލާޖީ އަދި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރަށް ނުކުންނަން ޖެހޭ ޙާލަތްތަކުގައި އެން-95 (N95) މާސްކް ނުވަތަ އެފަދަ މާސްކެއް އެޅުމަށާއި، ގޭތެރެއަށް ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން އެއަރ ޕިއުރިފަޔަރ ބޭނުންކުރުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ.


