ރާއްޖެ އޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަން ތައްޔާރަށް އަދި އެ އިންވެސްޓްމަންޓްތައް ކާމިޔާބުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބާސެލޯ ނަސެންދުރައިގައި މިއަދު ހެނދުނު ބޭއްވި ”ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް“ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ”ވިޝަން 2040“ އިން ކަނޑައަޅާފައިވަނީ ވަރަށް އުސް ލަނޑުދަނޑިއެއް ކަމަށާއި އެއީ ”2040 ވަނަ އަހަރާ ހަމައަށް ދާއިރު ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށްވުން“ ކަމަށެވެ.
އެކަން ހާސިލުކުރުމަށްޓަކައި ރައީސް ވިދާޅުވީ، އިގްތިސާދު ސިންދަފާތުކޮށް، އީޖާދީ އުފެއްދުންތެރިކަން އަވަސްކޮށް، އަދި އިތުބާރު އޮތް އިންވެސްޓަރުންނާ އެކު ގުޅުން ބަދަހިކުރަންޖެހޭ ކަމަށެވެ.
“ އަޅުގަނޑުމެންގެ މެސެޖު ވަރަށް ސާފު. ރާއްޖެ މިއޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަން ތައްޔާރަށް. އަދި އެ އިންވެސްޓްމަންޓްތައް ކާމިޔާބުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ފުރިހަމައަށް ތައްޔާރުވެގެން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން މިހާރު ވަނީ ބޭރުގެ އިންވެސްޓްމަންޓާ ބެހޭ އާ ގާނޫނެއް ތައާރަފުކޮށްފައި ކަމަށާއި އެ ބަދަލުގެ ބޭނުމަކީ ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ސިޔާސަތުތަކުގެ ޔަގީންކަން ދިނުމާއި އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުން ކަމަށެވެ.




