ސްޕެއިންގެ ޓޮލެޑޯ ޕްރޮވިންސްގައި ބާރު ދުވެލީގެ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 39 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ލޮސް ޔެބެނެސް އަދި އުރްދާ އަވަށާ ދެމެދު އޮންނަ ރޭލު މަގުގައެވެ.
އޮފިޝަލުން މައުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓް ހިނގި ވަގުތު ދެ ރޭލުގައި ޖުމްލަ 400 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރަމުން ދިޔައެވެ. މީގެ ތެރޭގައި ”އިރިއޯ“ ރޭލުގައި ތިބި 147 ފަސިންޖަރުންނާއި، ”އޭވީއީ“ ރޭލުގައި ދަތުރުކުރި 297 ފަސިންޖަރުން ހިމެނެއެވެ. އެކްސިޑެންޓާ ގުޅިގެން ރޭލުގެ ބައެއް ބައިތައް ފުރޮޅާލާފައިވާއިރު، ވެރިރަށް މެޑްރިޑާއި އަންދަލޫސިއާ ގުޅުވައިދޭ މައި ރޭލު ދަތުރުފަތުރުގެ ޚިދުމަތް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވަނީ ހިތާމަ ފާޅުކުރައްވާފައެވެ. އަދި އަނިޔާވި ފަރާތްތަކަށާއި ވަކިވެދިޔަ މީހުންގެ އާއިލާތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައިވާއިރު، މޯބައިލް އިންޓެންސިވް ކެއާ ޔުނިޓުތަކާއި ލޮޖިސްޓިކްސް އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
މިއީ މިއަހަރުގެ ތެރޭގައި ސްޕެއިންގައި މިފަދަ ބާރު ދުވެލީގެ ރޭލެއް އެކްސިޑެންޓްވި ދެވަނަ ފަހަރެވެ. މި އަހަރުގެ ޖެނުއަރީ މަހު ހިނގި މިފަދަ އެހެން ހާދިސާއެއްގައި ވެސް 45 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.




