މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާޓުނަރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.
ޕެންޝަން އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ގްރީން ފައިނޭންސް މާކެޓު ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ހޯދުމުގެ އިތުރުން ޤައުމުގެ ދިގު މުއްދަތުގެ އިޤުތިޞާދީ އަދި މާލީ ރައްކާތެރިކަން ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތައް ކުރުމަށް މަގުފަހިކުރުމެވެ.
ޕެންޝަން އޮފީހުން ފާހަގަކުރި ގޮތުގައި، މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް މެނޭޖުކޮށް ދިގު މުއްދަތަކަށް އިންވެސްޓްކުރާ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ހަރުދަނާ އަދި ވިލުންވެރި އިޤުތިޞާދަކާއި ފުޅާ އިންވެސްޓްމަންޓު މާކެޓެއް ތަރައްޤީކުރުމަކީ އެ އޮފީހުގެ މަސައްކަތްތަކާ ސީދާ ގުޅިފައިވާ ކަމެކެވެ.
މިއަހަރުގެ ފޯރަމްގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ ”ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން“ މިއެވެ. ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް މުހިންމު ކަމަކަށް ވާތީ، މި ފޯރަމް ވެގެންދާނީ ޔޫއެންޑީޕީ މޯލްޑިވްސްގެ ލަނޑުދަނޑިތަކާވެސް ގުޅިފައިވާ ހަރަކާތަކަށް ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތުދެއެވެ.
މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ މާލީ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.
މީގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ބިނާކުރަނިވި ޚިޔާލުތައް ބަދަލުކުރުމެވެ.
ޕެންޝަން އޮފީހުން ސިލްސިލާކޮށް އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ މާލީ އަދި އިޤުތިޞާދީ މުހިންމު ކަންކަމާ މެދު މަޝްވަރާކުރުމަށް ޤާއިމުކޮށްފައިވާ މުހިންމު މަންސައެކެވެ. މިއަހަރު ބާއްވަނީ މި ފޯރަމްގެ 13 ވަނަ ބައްދަލުވުމެވެ.


