ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފާޅުގައި ޒަޔަނިޒަމާ ދެކޮޅު ކަމަށާއި އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ ޖާގަ ނުދެއްވާނެ ކަމަށް އެމަނިކުފާނު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ތަރައްގީ ކުރާ ޕްރޮޕަޓީތަކަކީ އިޒްރޭލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގުފަހިކުރާ މަޝްރޫއެއްގެ ގޮތުގައި ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި، ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަނިކުފާނު ގެންގުޅުއްވި ”މޯލްޑިވްސް ފަސްޓް“ ސިޔާސަތު ކަމަށާއި ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރައްވާނެ ކަަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތައް ލީޒްކުރުމުގެ ޝައުގުވެރިކަން ހުރީވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ ރައްޔިތުންގެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރަސްމާލޭގައި ތަރައްގީ ކުރާ ޕްރޮޕަޓީތަކުގައި އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެންމެ ދުވަހަކުވެސް މަޑުނުކުރެވޭނެ ކަމަށެވެ. އެކަން ކަށަވަރުކުރުމަށް އެތަނަށް އަންނަ މީހުންގެ ޤައުމު ހުރިހާ ގޮތަކުން ކަށަވަރުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
”އަޅުގަނޑަށްވުރެ ބޮޑަށް ޒަޔަނިޒަމާ ދެކޮޅަށް، އިޒްރޭލުން މި ހިންގާ ޖެނޮސައިޑާ ދެކޮޅަށް ވާހަކަދައްކާ މީހަކު މިއަދާހަމައަށްވެސް ރާއްޖޭގެ ރައީސަކަށް އައިސްފަ ނެތްކަންނޭނގެ. ޓްރާންސިޝަން ޕީރިއަޑްގެ އެންމެ ފުރަތަމަ ޓްވީޓެއް ކުރިން އެކަމުގައި. ރާއްޖޭގެ ސިޔާސަތާ ގުޅޭގޮތުން. އަމަލީ ގޮތުން ދައްކަމުން މިއަންނަނީ. ރާއްޖެއަށް ނާދެވޭގޮތަށް އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރަން ކެރުނު އެއްވެސް މީހަކު އެބަހުރިތޯ މީގެ ކުރީގައި. މުޅިންވެސް ހިހޫތަނުން ކައިގެން އުޅުނު މީހުން ނޫންތޯ މީގެކުރިން ފެންނަންހުރީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



