މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
މި ޖަލްސާ ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން އެޕްލިކޭޝަން ”ފަހިވޯޓު“ މެދުވެރިކޮށެވެ.
މި އަހަރީ އާންމު ޖަލްސާގައި 59 ހިއްސާދާރުން ޒާތުގައި އަދި ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުން ބައިވެރިވިއެވެ. އެއާއެކު ޖަލްސާގައި މުޅިއެކު ތަމްސީލުވެފައިވަނީ 5,602,272 ހިއްސާ ނުވަތަ ހިއްސާދާރުންގެ 69.75 އިންސައްތައެވެ.
ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން، 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓް ވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި، ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށް، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި ޑެލޮއިޓް ވަނީ ކަނޑައަޅާފައެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ދެ މަގާމުގެ ތެރެއިން މުއްދަތު ހަމަވި މަގާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބޯޑަށް އިންތިޚާބުކޮށްފައިވަނީ ރ. ރަސްގެތީމު، ހުދުވެލި ހުސައިން ހަސަންފުޅު އެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ އަނެއް މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު އިއުލާންކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމްޓީސީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 85 މިލިޔަން ރުފިޔާ އެވެ



