ސޫރިޔާގެ އުތުރާއި އިރުމަތީގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ހަތަރު ކުޑަކުދިން ހިމެނޭހެން ފަސް މީހުން މަރުވެ، އިތުރު ފަސް މީހަކު ގެއްލިއްޖެއެވެ.
އެ ޤައުމަށް ކުރިމަތިވި މި ވިއްސާރައިގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި ވެސް ދެ ކުޑަކުދިން ހިމެނޭއިރު، ފެންބޮޑުވުމާ ގުޅިގެން މިދިޔަ އޮކްޓޫބަރު 27 އިން ފެށިގެން ކުއްލި ޙާލަތުގެ އިދާރާތަކުން ދަނީ އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންނެވެ.
މި ހާދިސާތަކުގައި ހަތަރު ކުޑަކުދިން މަރުވީ ރައްޤާ އަދި ދައިރު އައް-ޒޫރު ޕްރޮވިންސުގެ އެކި ސަރަޙައްދުތަކުގައި އުފެދުނު ފެންގަނޑުތަކުގައި ޣަރަޤުވެގެން ކަމަށް ސޫރިޔާގެ ކުއްލި ޙާލަތްތަކާއި ކާރިސާތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ހުޅަނގު ރައްޤާގެ ރަށްފުށު ސަރަޙައްދުގެ އަލް-ސަލްމާނީ ފާލަން ކައިރިން ދަތުރުކުރި ކާރެއް ފެންގަނޑުގެ ތެރެއަށް ދަމައިގަތުމުގެ ސަބަބުން އިތުރު ފިރިހެނަކު ވަނީ މަރުވެފައެވެ.
ބޯވިއްސާރައިގެ ސަބަބުން ޙަލަބާއި، ރައްޤާ، ދައިރު އަލް-ޒޫރު، ޙަސަކާ އަދި ޙިމްޞުގެ އުމްރާނީ ވަސީލަތްތަކަށާއި ފާލަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޠަބަޤާގެ ހުޅަނގުގައި އޮންނަ އަލް-ސަލްމާނީ ފާލަން ވެއްޓި، ރައްޤާއާއި ޙަލަބު ގުޅުވައިދޭ މައި މަގު މިހާރު ވަނީ ބަންދުވެފައެވެ. މި ހާދިސާތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ އިދާރާތަކުން ވަނީ ފެންގަނޑުގެ ތެރޭގައި ތާށިވި 15 މީހަކު ސަލާމަތްކޮށް، ރައްޤާގެ ރަށްފުށުގެ ތިން ކޭމްޕަކުން ގާތްގަނޑަކަށް 375 ޢާއިލާ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
މިއީ މިއަހަރުގެ ތެރޭގައި ސޫރިޔާއަށް މިފަދަ ބާރުގަދަ ވިއްސާރައަކާއި ފެންބޮޑުވުމުގެ ހާދިސާތަކެއް ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ޖޫން މަހާ ހަމައަށް ފެންބޮޑުވުމުގެ ސަބަބުން 17،000 އެއްހާ މީހުންނަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް) އިން ވަނީ ހާމަކޮށްފައެވެ.
އޭގެ ތެރޭގައި 2،000 ކުޑަކުދިން ހިމެނޭހެން 700 ޢާއިލާއެއް ރައްކާތެރި ސަރަޙައްދުތަކަށް ހިޖުރަކުރަން ޖެހުނުއިރު، ދައިރު އަލް-ޒޫރާއި ރައްޤާގެ ސާފު ފެން ފޯރުކޮށްދޭ 49 މަރުކަޒެއްގެ ޚިދުމަތް މެދުކެނޑިގެން ދިޔަކަން ވެސް ފާހަގަކޮށްފައިވެއެވެ.




