އެމެރިކާގެ ޓެކްސަސްގައި ދެ ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވައިގެ ތެރޭގައި ދެ ހެލިކޮޕްޓަރު މުޑިއަރައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދަރިވަރަކާއި، ޓެކްސަސްގެ ފްލައިޓް އިންސްޓްރަކްޓަރެއްގެ އިތުރުން އޮރެގަން އަށް ނިސްބަތްވާ ޕައިލެޓެކެވެ. މަރުވި ދަރިވަރު ދަތުރުކުރަމުން ދިޔައީ ފްލައިޓް އިންސްޓްރަކްޓަރު ދުއްވަން އިން ހެލިކޮޕްޓަރުގަ އެވެ.
މި އެކްސިޑެންޓުގައި ހިމެނެނީ ރޮބިންސަން އާރް-22 (Robinson R22) މަރުކާގެ ހެލިކޮޕްޓަރަކާއި އެއާބަސް އޭއެސް350 (Airbus AS350) މަރުކާގެ ހެލިކޮޕްޓަރެކެވެ. މީގެ ތެރެއިން ދަރިވަރު ދަތުރުކުރި ރޮބިންސަން ހެލިކޮޕްޓަރަކީ އުދުހެން ދަސްކޮށްދޭ ޓްރެއިނިން ސްކޫލެއް ކަމަށްވާ ”ޖެރީ ޓްރިމްބްލް ހެލިކޮޕްޓާސް“ ގެ އުޅަނދެކެވެ.
ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހުމަށްފަހު ވެއްޓިފައިވަނީ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޓެކްސަސްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




