މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލީޝަނުން ވައިގެ ތެރޭގައި ހުއްޓުވައިފިއެވެ.
އެ ކޯލީޝަނުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް 2 މިސައިލެއްވެސް ސައުދީ ވައިގެ ދިފާޢީ ބާރުތަކުން ބުރާސްފަތި ދުވަހު ވަނީ ކާމިޔާބުކަމާއެކު ވައްޓާލާފައެވެ.
މި މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޟުގެ އިމާރާތަކަށާއި، އިމާރާތްކުރާ ސައިޓަކަށް އަދި އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ސައުދީގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، މައްކާ ފަދަ މުޤައްދަސް ބިންތަކަށް އަމާޒުކޮށް އެ ޖަމާޢަތުން ހަމަލާ ދިން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެފަދަ މާތް ބިމަކަށް އެ ޖަމާޢަތުން ދުވަހަކުވެސް ހަމަލާއެއް އަމާޒު ނުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.




